ތިނަދޫ އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބި ކޯމާގައި އޮތް ޒުވާނާ މަރުވެއްޖެ

ގދ. ތިނަދޫގައި ފުލުހުންގެ ވޭނަކާއި ސައިކަލެއް ޖެހި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިގެން ކޯމާގައި އޮތް ޒުވާނާ މިއަދު ހެނދުނު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު، ތިނަދޫ ބްރޯން މޫސާ މަނިކު، ،32 މަރުވީ ލަންކާ އަށް ގެންގޮސް ލަންކާ ހޮސްޕިޓަލުގައި ފަރުވާދެނިކޮށެވެ. އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ލަންކާ އަށް ގެންދިޔަ ފަހުން ވެސް ހާލު ރަނގަޅުވަމުން ނުދާ ކަމަށެވެ.
މޫސަ ލަންކާ އަށް ގެންދިޔަ އިރު ވެސް ޑޮކްޓަރުން ވަނީ އޭނާ ރަނގަޅުވާނެ ކަމުގެ އުއްމީދު ކަނޑާލައިފަ އެވެ. އަދި ލަންކާ އިން ވެސް މޫސަ އަށް ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
އޭނާގެ އާއިލާ އިން ބުނި ގޮތުގައި މޫސަ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މާލެ ގެންނާނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލެ އިން ޓީމެއް ގޮސް އެ އެކްސިޑެންޓް މިހާރު އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.
އެ އެކްސިޑެންޓުގައި ފަރުވާދެމުން ދަނިކޮށް މޫސަ މަރުވެފައިވާތީ، އޭނާގެ އާއިލާގެ ފަރާތުން ފުލުހުން ވަނީ މާފަށް ވެސް އެދިފަ އެވެ. ފުލުހުންގެ ބަޔާނުގައި، އެ ހިތާމައިގައި ބައިވެރިވެ މޫސަގެ އާއިލާ އަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން ތައުޒިޔާ ކިޔާފައިވެ އެވެ.
"އަދި މި ހާދިސާ އިންސާފުވެރިކަމާ އެކު ބަލާ ތަހްގީގުކުރާނެ ކަމުގެ ޔަގީންކަން މަރުހޫމް މޫސާ މަނިކުގެ އާއިލާ އަށް މި ފުރުސަތުގައި ވެސް އަރުވަމެވެ،" ފުލުހުން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެކްސިޑެންޓު ހިނގި ގޮތުގެ ތަހުގީގު އަދި ނުނިމުނަސް އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ "ފުލުހުންގެ ވޭނުގައި ތިބި ދެ މީހުންނަށް ބަލަންވާ ވަރަށް ނުބެލުމުގެ" ސަބަބުންނެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ ތިނަދޫ އަލަށް ހިއްކި ސަރަހައްދުން ދެކުނުން އުތުރަށް ދިޔަ ވޭން އިރުން ހުޅަނގަށް ދިޔަ ސައިކަލް ޖެހިގެންނެވެ. އެ ރަށުގައި ވާހަކަ ދެކެވޭ ގޮތުގައި މަޑުން ދުއްވާފައި ދިޔަ ވޭނާއި ސައިކަލް ކައިރިވުމުން، ފުލުހުން ބްރޭކް ޖައްސަން ހަދައިގެން ފިއްތާލެވުނީ ރޭހަށެވެ.
"އޮޓޯ ގިއަރު ވޭނެއް ވީމަ ކުއްލިއަކަށް ފުންމައިގެން ގޮސް ސައިކަލާ އެކީގައި 20 ފޫޓަށް ވުރެ ދުރަށް ކަހައިގެން ދިޔަ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެކްސިޑެންޓު ހިނގި އަޑު އިވިގެން އެ ސަރަހައްދަށް ދިޔަ މުހަންމަދު ހުސެއިން ބުނީ އެ ހިސާބަށް ދެވުނު ސައިކަލާއެކު ކަހައިގެން ގޮސް، ސައިކަލު ވިދި، ވޭން އޮތީ ކޮންޓްރޯލްވެފައި ކަމަށެވެ.
"އަހަރެމެން ޖޯއްޔެއްގައި ތިއްބާ [އެކްސިޑެންޓް ހިނގި] އަޑުއިވިގެން ދިޔައީ. އޭރު މޫސަ ބޮލުންނާ އެއްކޮށް ލޭ ފައިބަނީ. ދެން ފުލުހުންގެ [އެކްސިޑެންޓުވި] ވޭނަށް ލައިގެން ގެންދަން އުޅުނީ ހޮސްޕިޓަލަށް. ވޭން ދުއްވާލަން އުޅުނީމަ ފަހަތަކަށް އަދި ކުރިއަކަށް ވެސް ނުދިޔަ. ދެން އޭނަ ހޮސްޕިޓަލަށް ގެންދިޔައީ އެތަނަށް މަޑުކުރި ކާރަކަށް ލައިގެން،" މުހަންމަދު ބުންޏެވެ.
ތިނަދޫގައި މަސްވެރިކަން ކުރަމުން އަންނަ މޫސަ މަރުވިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ