ޝައްމީ ގެ ކުރިމަގާ ގުޅިފައިވާ "ފިށާމަތި" ތަނުގެ އަގު ހިފަހައްޓަން އޭނާ ރެއާ ދުވާލު މަސައްކަތްކުރަނީ

ސ. ފޭދޫން މުހައްމަދު ސައީދު މޫސާ ވަޖުދީ
ރިސޯޓެއްގެ ރޫމްބޯއީ އެއްގެ ވަޒީފާ އަދާކުރަމުން ދިޔައިރު އޭނާ އަބަދުވެސް ވިސްނަ އެވެ.
"މައިންބަފައިންގެ ގާތުގައި އުފަންރަށުގައި ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު ލިބޭނީ ކޮން ދުވަހަކުން ބާވަ އެވެ؟ ކޮންމެ ވެސް ކަހަލަ މަސައްކަތެއް ރަށުގައި ފެށޭނެ ނަމަ އެވެ."
ސ. ފޭދު އަށް އުފަން އަހުމަދު ޝަމްހޫޒް، ،27 (ޝައްމީ) އެތައް އަހަރެއް ވަންދެން ދެކެމުން އައި އެ ހުވަފެން އޭނާ މިހާރު ވަނީ ހަގީގަތަކަށް ހަދައިފަ އެވެ. މިހާރު އޭނާ އަކީ އައްޑުއަތޮޅުގައި ހިންގާ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއް ސައިހޮޓަލުގެ ވެރިޔާ އެވެ.
"ލެގޫނާ ބީޗް ރިސޯޓުގައި ހޭދަކުރި ހަތް އަހަރު ދުވަހު އަބަދު ވެސް އަހަރެން ހިޔާލުކުރަމުން އައި ކަމެއް ރަށުގައި ކޮންމެ ވެސް އަމިއްލަ ކަމެއް ކުރުން،" ފަނޑު ހިނިތުންވުމަކާއެކު އޭނާ ބުންޏެވެ.
ރިސޯޓުގައި ވޭޓަރަކަށް ނޫޅެ، ރޫމްބޯއީ އަކަށް އުޅުނު މީހަކަށް ސައިހޮޓަލެއް ހަދައި ހިންގަން ފެށުމަކީ އާދައިގެ ކަމެއް ނޫނެވެ.
"މިއީ ލާރި ހުރެގެން ފެށި މަސައްކަތެއް ނޫން،" އޭނާ ހަގީގަތް ބުނެދިނެވެ. "މިއީ ކަމެއް ކުރުމުގެ ޚިޔާލާއި ޝައުގުވެރިކަން އޮތުމުން ފެށި މަސައްކަތެއްގެ ނަތީޖާ."
އެއް ހާސް ރުފިޔާ ލިބޭ ވަޒީފާއެއް އަދާކޮށްކޮށް ހުރެފައި ޝައްމީ ރަށަށް އައިސް ފަޅު ގޯއްޗެއް 000' 2ރ.ގެ ކުއްޔަކަށް ހިފި އެވެ. އަދި އެ ތަނުގައި ވަރަށް ސާދާ އެކަމަކު ވަރަށް ހިތްގައިމު ސައިހޮޓަލެއް އިމާރާތްކުރި އެވެ.
މުޅި ތަން ހުރީ ޖައްވުގައި ޖެހެމުންދާ ވަޔަށް ވަދެނިކުމެވާ ގޮތަށެވެ. ތަނުގައި އިށީނދެ ތިބޭއިރު ލިންކްރޯޑާއި މޫދުގެ ހިތްގައިމު މަންޒަރުތައް ހުރަހެއް ނެތި ފެނެ އެވެ. އަދި އެ ތަނުގެ ފުރާޅުމަތީގައި އަޅާފައިވާ ތަނުގެ ނަން "ފިށާމަތި" ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ އެވެ.
"ވަރަށް ހިތްފަސޭހަ މާހައުލެއް އެއީ،" ފިށާމަތި ސައިހޮޓަލަށް ޒިޔާރަތްކުރާ ހުރިހާ އެންމެންހެން އެތަނަށް ތައުރީފުކުރެ އެވެ. "ތަނުން ލިބޭ ހެދިކާ އާއި ޚިދުމަތްތައް ވެސް ވަރަށް ބަރާބަރު."
ޝައްމީ ބުނިގޮތުގައި ރައްޓެހިންގެ ވަރަށް ބޮޑު އެއްބާރުލުން ލިބިގެން އިމާރާތްކުރި ހޮޓަލުގެ ގިނަ މަސައްކަތްތައް ކޮށްފައި ވަނީ ޚުދު އޭނާ އަމިއްލަ އަށެވެ.
"ރައްޓެހިންގެ ތެރެއިން އިބްރާހިމް ރަޝީދާއި ހަސަން ސައީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އަދި އެހެން ރަށްޓެހީންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބުނު،" އޭނާ ބުންޏެވެ. "ފަނަރަ ހާސް ރުފިޔާގެ ލޯނެއް ނަގައިގެން މުޅި ތަން ނިންމައި ހިންގަން ފެށޭވަރުވީ."
މީގެ ހަތް މަސް ދުވަސް ކުރީން ހިންގަން ފެށި "ފިށާމަތި" ހޮޓަލުން ކެއުމުގެ ޚިދުމަތް އާންމުކޮށް ލިބޭކަށް ނުހުރެ އެވެ.
"ހާއްސަ އޯޑަރު ލިބުމުން އަޅުގަނޑުމެން ކެއުން ތައްޔާރުކޮށްދެނީ،" ޝައްމީ ބުންޏެވެ. "އާންމުކޮށް ހުރިހާ ގަޑިއެއްގައި ވެސް ކެއުން ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ވަރަށް އަވަހަށް ހަމަޖައްސާނަން. ކެއުން ނެތަސް ހެދިކާ އާއި ތަފާތު ބުއިންތައް ވިއްކައިގެން ވަރަށް ރަނގަޅަށް ތަން އެބަ ހިންގޭ،"
ސައިހޮޓާތަކާއި ރެސްޓޯރެންޓްތަކަށް ޒިޔާރަތްކުރާ އައްޑޫ ޒުވާނުންނަކީ ކުޅިވަރަށް ހާއްސަ ސަމާލުކަމެއް ދޭ ބަޔަކަށް ވާތީ "ފިށާމަތި" ހޮޓަލުން ކުޅިވަރު ކުޅޭނެ އިންތިޒާމު އެތަނުން މިހާރު ދަނީ ހަމަޖައްސަމުންނެވެ.
"ޓޭބަލް ސޮކާ ކުޅެވެން މިހާރު ވެސް އެބަހުރި،" ޝައްމީ ބުންޏެވެ. "ވަރަށް އަވަހަށް ބިލިއާޑް މޭޒެއް ވެސް ބަހައްޓާނަން ހެޔޮއެދޭ ފަރާތެއްގެ އެހީގައި."
އާންމުކޮށް ހެނދުނު އަށަކުން މެންދުރު އެކެއް ޖަހަންދެން ހުޅުވާފައި ހުންނަ ހޮޓަލުގެ އަގު ހިފަހައްޓަން ޝައްމީ ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.
"ތަނުގެ ހުރިހާ ކަމެއްހެން ބަލަހައްޓަނީ އަޅުގަނޑު އިސްކޮށް ހުރެގެން. އޭގެ ބޭނުމަކީ ތަނުގެ މަޝްހޫރުކަމާއި މަގުބޫލުކަން ދެމެހެއްޓުން،" އޭނާ ބުންޏެވެ. "އަޅުގަނޑުގެ އިތުރަށް ތިން މީހެއްގެ އެހީތެރިކަން ލިބެމުން އެބަދޭ މިހާރު."
ޒަވާޖީ ހަޔާތެއް ފެށުމަށް އަދި ވިސްނަމުން ނުދާ ޒުވާން ޝައްމީ ބުނިގޮތުގައި ހީވާގި، ކެރޭ ޒުވާނުންނަށް ރަށުގައި ތިބެ ކުރެވިދާނެ މަސައްކަތްތައް އެބަހުއްޓެވެ.
"ޝައުގުވެރިކަން ހުރި ދާއިރާތަކަށް މުރާލިކަމާއެކު ކުރިމަތިލާންވީ. އޭރުން ކާމިޔާބުވާނެ،" ޝައްމީ އިތުބާރާއެކު ބުނެލި އެވެ. "މިހާރު ވިސްނަމުން މި ދަނީ ކާމިޔާބުކަމާ އެކު މިކަން ގިނަ ދުވަހަށް ކުރެވޭނެ މަގެއް ތަނަވަސްކުރަން. މިއީ އަހަރެންގެ ކުރިމަގާ ގުޅިފައިވާ މަސައްކަތެއް."
އުފަން ރަށުގައި އަމިއްލަ ވިޔަފާރިއެއް ހިންގުމަކީ ކޮންމެ ޒުވާނަކަށް ވެސް ހަމަ ކުރެވިދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ