ނަޝީދު، ޔާމީނަށް: އިންޑިއާ އައުޓަކަށް ތާއީދެއް ނެތް, ސިޔާސީ ބޭނުމަށް ދިވެހިން ބާކީ ނުކުރޭ!

ސިޔާސީ ބޭނުމަށްޓަކައި، ދިވެހިން ބާކީކޮށް ނިކަމެތި ވާނެ ކަންކަން ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ނަޝީދު އެގޮތަށް ގޮވާލެއްވީ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިންގެ ސިޔާސީ ބޭނުމަށް ދިވެހިން ބާކީވެ ނިކަމެތިވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިޔާސީ ވެރިން ވިސްނަން ވާނެ ކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކެމްޕެއިނެއް ނޫންކަން އެކަމުގައި ބައިވެރިވާ މީހުންގެ މަދުކަމުން އެނގޭ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އަންގާފައިވާ އިރު، އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނަވެ.
ނަމަވެސް ރައީސް ނެރުއްވި އެ ގަރާރަކީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ބުނެ، އެ މައްސަލަ ވަނީ ކޯޓަށްވެސް ވައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ