މެލޭޝިއާ ސަރުކާރުން އަންހެނުންނަށް : ފިރިންނަށް ޖެއްސުން ނުކޮށް، މޭކަޕް ކޮށްގެން ގޭގައި ތިބޭ

ކޮވިޑް19 އާއި ގުޅިގެން މެލޭޝިއާ ލޮކްޑައުން ކޮށްފައިވާއިރު ލޮކްޑައުން ގައި ތިބޭއިރު އަންހެންވެރިން އެމީހުންގެ ފިރިންނަށް އުނދަގޫ ނުކޮށް، މޭކަޕް ކޮށްގެން ގޭގައި މަޑުން ތިބުމަށް މެލޭޝިއާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގައިފިއެެވެ. މިކަން މިގޮތަށް އަންގާފައިވަނީ މެލޭޝިއާގެ އަންހެނުންނާއި ބެހޭ މިނިސްޓްރީ ގެ ރަސްމީ ފޭސްބުކު ޕޭޖުން ކުރި މި ޕޯސްޓުތަކެއްގައެވެ.
މި ޕޯސްޓުތަކުގައި އަންހެނުން ލޮކްޑައުން ދުވަސްވަރު ގޭގައި ތިބޭނެ ގޮތުގެ އިރުޝާދުތަކެއް ވަނީ ދީފައެވެ. އެ ގޮތުން އެއް ޕޯސްޓުގައި ، އަންހެނުން އެއްޗެހި ދޮވެ ހިއްކާ އަޅާ ފޮޓޯއެއް ހިއްސާކޮށް ފިރިންނަށް އުނދަގޫ ނުކުރަން ބުނެފައިވެއެވެ. އަންހެނުން ވާހަކަދައްކަން ޖެހޭނީ ' ޑޯރެމަން' ކާރޓޫނުގައި ޑޯރެމަން ވާހަކަ ދައްކާ ގޮތަށް ކަމަށް ވެސް އެހެން ޕޯސްޓެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ގޭގައި ތިބެ މަސައްކަތްކުރާ އަންހެން މުވައްޒަފުން ފެންވަރައި މޭކަޕް ކޮށް ނަލަަ ވެގެން މަސައްކަތްކުރުމަށް ވެސް އެދިފައިވެއެވެ. ހަމައެހެންމެ ލޮކްޑައުން ދުވަސްވަރު ސިކުނޑި ހަމަޖެހިފައި ، ބެހެއްޓުމަށްޓަކައި އަންހެނުން އެމީހުންގެ ގޭތެރެއާއި ބަދިގެ ސާފުކުރުމަށް ވެސް އެ ޕޯސްޓުތަކުގައި ވެއެވެ.
މެލޭޝިއާގެ މިނިސްޓްރީއެއްގެ ރަސްމީ ޕޭޖުން ކުރި މި ޕޯސްޓުތަކަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެއާއެކު މީގެ ތެރެއިން ބައެއް ޕޯސްޓުތައް ވަނީ ޑިލިޓު ވެސް ކޮށްލާފައެވެ. މި ޕޯސްޓުތަކަށް ކޮމެންޓުކޮށް ނުރުހުން ފާޅުކުރި ގިނަ މީހުން ބުނާ ގޮތުގައި މި ޕޯސްޓުތަކުން ޖިންސީ ތަފާތުކުރުންތަކަށް ބާރުދޭކަމަށެވެ.
ޕޯސްޓަށް ކޮމެންޓުކުރި މީހަކު ވަނީ އަންހެނުން މޭކަޕް ކުރުމާއި ކޮވިޑް19 އާއި ހުރި ގުޅުމާއިމެދު ވެސް ސުވާލު އުފައްދާފައެވެ. އަދި އެހެން މީހަކު ބުނެފައިވާ ގޮތުގައި މިއީ 2020 ކަމަށާއި އަންހެނުންނަށް މިއަށް ވުރެ ބޮޑަށް ބޭނުންވާ އަދި މުހިންމު ކަންކަން އެބަހުރިކަމަށާއި އެކަންކަމަށް އަމާޒު ކުރުން މާ ބުއްދިވެރިކަމަށެވެ.
މާޗް 18 ވަނަ ދުވަހު މެލޭޝިއާ ލޮކްޑައުންގެ ހާލަތަށް ދިއުމަށް ފަހު އެ ގައުމުގައި ގެވެށި އަނިޔާގެ މައްސަލަތައް ވެސް ވަނީ 50 އިންސައްތަ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ