އެޗްއައިއެޗްގައި ތިބި މީހުން އިތުރު 14 ދުވަހަށް ކަރަންޓީނު

ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ތިއްބައި އެހެން ކަރަންޓީނު މަރުކަޒުތަކަށް ބަދަލުކޮށްފައިވާ ދިވެހިން އިތުރު 14 ދުވަހަށް ކަރަންޓީނުގައި ތިބެން ޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ. ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވީ އެޗްއައިއެޗްގައި ތިބި މީހުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަން ނިންމަން ޖެހުނީ އެ މީހުންނާ އެއްލޯންޗެއްގައި ޓްރާންސްފާ ކުރި މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. "މި ކަމަކީ ވަރަށް އުނދަގޫ ނިންމުމެއް ހުރިހާ ގޮތަކަށް ބެލީމައިވެެސް. އެކުދިންގެ އާއިލާއަށްވެސް އަދި އެކުދިންނަށް ވެސް. އަދި މިކަމާ ގުޅިގެން ދިމާވާނެ ދަތިތައް އަޅުގަނޑުމެނަށްވެސް އެނގޭ،" މަބްރޫކު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ކަމާ ގުޅިގެން ސަރުކާރުގެ ވިސްނުން ހުރީ ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. "އެގޮތަށް ބަލާއިރުގައި އަޅުގަނޑުމެނަށް ނެގެން ނެތް ރިސްކެއް ޓެކް ޓީމުން ވިދާޅުވަނީ އެކުދިން އަނބުރާ ގެނައުމަކީ،" އޭނާ ވިދާޅުވި އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ އެޗްއައިއެޗްގެ މައްސަލަ ފެންމަތިވެފައިވަނީ އެޗްއައިއެޗް ހުސްކުރަން ވެގެން އެތަނުގައި އޭރު އައިސޮލޭޝަންގައި ތިބި މީހުން އެހެން ތަނަކަށް ގެންދިޔަ ފަހުން، އެތަނުގައި ހުރި ދިވެއްސަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. "ކަމާ ބެހޭ ފަރާތްތަކުން މިހާރު ގަބޫލުކުރަނީ އޭނާ އާ ކޮންޓެކްޓްވި އެންމެން އޭނާ ޕޮޒިޓިވް ވުމާ ހިސާބުން ފެށިގެން 14 ދުވަސް އަދި ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް. މިގޮތަށް ހެދުމުން، ގިނަ ބަޔަކު ޖުމްލަ 14 ދުވަހަށް ވުރެ ވެސް ގިނައިން ކަރަންޓީނުގައި ތިބެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ. މުރާދު ވިދާޅުވީ އިތުރު 14 ދުވަސް ގުނަނީ މިއަދުން ފެށިގެން ނޫން ކަމަށެވެ. އަދި އެ 14 ދުވަސް ގުނަން ފަށާފައިވަނީ މައްސަލަ ފެންމަތިވާން ފެށި ހިސާބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ