ގާނޫނު އަސާސީއާ ހިލާފަށް ހައްޔަރުކޮށް ބަންދު ކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދަން ޔާމީން ފުލުހުންގެ މައްޗަށް ދައުވާކޮށްފި

ގާނޫނު އަސާސީއާ ހިލާފަށް ގާނޫނީ ބާރެއް ނެތި އަބްދުﷲ ޔާމީން ފުލުހުން ހައްޔަރުކޮށް ބަންދުކޮށްފައިވާތީ އާއި އެކަމަށް އިންސާފު ހޯދުމުގެ ހައްގުން މަހުރޫމް ކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދުމަށް ޔާމީންގެ ފަރާތުން ފުލުހުންގެ އިދާރާގެ މައްޗަށް ދައުވާކޮށްފި އެވެ.ޔާމީން ގެ ފަރާތުން މަދަނީ ކޯޓަށް ހުށަހެޅި ދައުވާގެ ޝަރީއަތުގައި އޭނާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޔާމީން ބަންދު ކުރުމުގެ ސަބަބުން ޔާމީންގެ ގޭގެ ދޮށަށް މީހުން އެއްވެ މާރާމާރީ ހިންގާ ގެއަށާއި މުދަލަށް ގެއްލުން ދީފައިވާތީ ޔާމީނަށާއި އާއިލާއަށް ޖިސްމާނީ ގެއްލުމާއި ނަފުސާނީ ގެއްލު ދީފާނެ ކަމުގެ ބިރަށް ގޭގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ހޭދަކުރަންޖެހުނު 61005ރ. އާއި ބަންދު ކުރުމުގެ ސަބަބުން ގާނޫނު އަސާސީގެ 65 ވަނަ މާއްދާއިން ލިބޭ އަދުލުވެރި ބަދަލު ހޯދުމުގެ ހައްގުން ވެސް މަހުރޫމްކޮށް ދެ ހަފުތާވަންދެން ބަންދުކޮށްގެން ގެންގުޅުމުން، ހައްގު ހޯދުމަށް ގާނޫނީ ގޮތުން ކުރަންޖެހުނު މަސައްކަތްތަކުގެ ފީއަށް 668950ރ. ހޭދަވެފައިވާތީ އެ ފައިސާ ޝަރީއަތުން ނަގައިދޭން އެދޭ ކަމަށެވެ.މުޅި މައްސަލަ ބިނާކޮށްފައި ވަނީ ޖޫން29، 2010ގައި ފުލުހުން ޔާމީން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައެޅި ހިނދު ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާގައި ބަޔާންވެފައިވާ ގާނޫނީ ބާރެއްނެތި ގާނޫނާ ހިލާފަށް ޔާމީން ހައްޔަރު ކުރުމުން ލިބެންޖެހޭ ބަދަލުގެ މައްޗަށެވެ.ދައުވާގައި ބުނަނީ ޔާމީން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ގާނޫނީ ބާރެއް ނެތި ގާނޫނާ ހިލާފަށް ކަމަށްވާއިރު ޔާމީން ބަންދުގައި ބަހައްޓުމުގައި ގާނޫނު އަސާސީން އޭނާ އަށް ލިބިދޭ ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށާއި ޝަރުއީ ކޯޓެއްގެ އަމުރެއް ނެތި ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބާޔާންކޮށްފައިވާފަދަ ގާނޫނަކުން ބާރު ލިބިގެން މެނުވީ ގާނޫނު އަސާސީން އެއްވެސް މީހަކަށް ދީފައިވާ އެއްވެސް ހައްގެއް ނިގުޅައި ނުގަނަވޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވެފައިވާއިރު މި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ވަރަށް ގިނަ އަސާސީ ހައްގުތައް ޔާމީންގެ ކިބައިން ފުލުހުން ނިގުޅައިގެންފައިވާ ކަމަށެވެ.ދައުވާގައި ބުނަނީ މިފަދަ މައްސަލަތަކުގެ ބަދަލު ހޯދުމަކީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާއިން ލިބިދޭ ހައްގަކަށްވެފައި މި މާއްދާގައިވާ ގޮތުގެ މަތިން ބަދަލު ނަގައި ދިނުމުގައި އަމަލުކުރާނެ ގޮތެއް ނުވަތަ ރިއާއަތް ކުރަންޖެހޭ އުސޫލުތަކާބެހޭ ގާނޫނެއް ރާއްޖޭގައި މިހާތާނަށް އެކުލަވައިލެވިފައި ނުވުމާއެކު ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ފަރާތަށް ޝަރީއަތުން އަގު ކުރުމަށްފަހު ބަދަލު ނަގައިދެވިދާނެކަން އެނގެން ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ އަދަދުތައް ކްއަންޓިފައި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ދައުވާގައި ވެއެވެ.ނަމަވެސް އާޒިމާ ވިދާޅުވީ ގާނޫނު އަސާސީގެ 299ވަނަ މާއްދާގައި ގާނޫނެއް ހެދިފައި ނެތުމަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ބުރުލެއް އަރާފަދަ އަމަލެއް ހުއްދަވާފަދަ ކަމެއް ނޫން ކަމަށާއި މި މައްސަލައިގައި ގެއްލުމުގެ ބަދަލު ޔާމީނަށް ލިބިދޭން ޖެހޭނެ ކަމަށެވެ.މި މައްސަލައިގައި ޖެނެރަލް ޑެމޭޖަސް އާއި އެގްރެވޭޓެޑެ ޑެމޭޖާއި އެޒެމްޕްލަރީ ޑެމޭޖް ވެސް ހިމަނާފައިވެއެވެ، މިއީ ގާނޫނު އަސާސީގެ 58 ވަނަ މާއްދާގައިވާ ގާނޫނީ ބާރެއްނެތި ބަންދު ކުރުމުން ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލު ހޯދަން މިހާތަނަށް ކުރި މިފަދަ ފުރަތަމަ ދައުވާއެވެ."މި މައްސަލައިގެ ސަބަބުން ވަރަށް މުހިންމު ގާނޫނީ އިޖުރާއަތުތަކެއް ކަނޑައެޅިގެންދާނެ،" ކޯޓުން ބޭރުގައި އާޒިމާ ވިދާޅުވި އެވެ.މި މައްސަލައިގައި  ގާނޫނު އަސާސީގެ 58 ވަނަ މާއްދާގެ ދަށުން ލިބިދޭންޖެހޭ ކަމަށް ޔާމީންގެ ފަރާތުން ބުނާ ބަދަލާ ބެހޭ ގޮތުން ޝަރީއަތުން ބުނީ އެބަދަލާ ބެހޭ ގޮތުން ފަހުން އިރުޝާދު އަރުވާނެ ކަމަށެވެ.މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާއަށް ޖަވާބުދާރީ ނުވެ ބުނެފައި ވަނީ އިތުރު 10 ދުވަސް ބޭނުންވާ ކަމަށެވެ. ގާޒީ އައިޝާ ޝުޖޫން ވިދާޅުވީ މީގެ ކުރިން ވެސް 10 ދުވަސް ދައުލަތަށް ދީފައިވާ ކަމަށާއި ދެން އަންނަ ދުވަހެއްގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ. ޖަވާބުދާރީ ވުމަށް 10 ދުވަހަށް އެދުނު ކަމަށް ދައުލަތުގެ ވަކީލުގެ އަތުން ޝަރީއަތަށް މިއަދު ބަޔާނެއް ވެސް ނެގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ