އަރަފާތުގެ ގަބުރު ތަހުގީގަށް ކޮނެގެން ނަގައިފި

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވިގޮތުގެ ތަހުގީގަށްޓަކައި އަރަފާތުގެ ގަބުރު ކޮނެގެން ނަގައިފިއެވެ.
އަރަފާތުގެ މަރަށް އަށް އަހަރު ފަހުން އޭނާގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި ސްވިޒްޒަލޭންޑާއި ފްރާންސާއި ރަޝިއާ ގެ ތަޖުރިބާކާރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފްރާންސްއިން އިސްވެ އަރަފާތުގެ މަރުގެ ތަހުގީގު ފަށާފައި މިވަނީ ސްވިޒަލޭންޑްގެ ތަހުގީގީ ފަރާތްތަކަށް އަރަފާތުގެ ހެދުންކޮޅުން ރޭޑިއޯއެކްޓިވް ވިހަ މާއްދާއެއް ކަމަށްވާ ޕޮލޯނިއަމް-210 ފެނުމުންނެވެ.
އަރަފާތުގެ މެޑިކަލް ރިކޯޑުތަކުން އޭނާ މަރުވެފައިވަނީ ސްޓްރޯކަކުން ކަމަށް ދައްކާއިރު އަރަފާތުގެ ހުވަފަތް އަނބިކަނބަލުން ސުހާ ވަނީ އަރަފާތު އަވަހާރަވިގޮތާއި މެދު ތަހުގީގު ކުރުމަށް އެދިވަޑައިގެންފައެވެ.
އަރަފާތު ފަސްދާނުލެވިފައިވަނީ ރާމުﷲގައި ހުންނަ މުގަތާ މަގުބަރާގައެވެ. ފަލަސްތީނުގެ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އަރަފާތުގެ ގަބުރު ނެގުމަށްފަހު ވަނީ ސާމްޕަލް ނެގުމަށްޓަކައި ކައިރި މިސްކިތަކަށް ގެންގޮސްފައެވެ. ސާމްޕަލްތައް ނެގުމަށްފަހު ތަހުގީގު ކުރުމަށްޓަކައި ކޮންމެ ޓީމަކުންވެސް މަސައްކަތް ކުރާނީ ވަކިންނެވެ. އަދި ސާމްޕަލްތައް ނެގުމަށްފަހު ކޮންމެ ގައުމެއްގެ ވެސް ތަހުގީގީ ޓީމަކުން އެގައުމަކަށް އަނބުރާ ދާނެއެވެ. ގަބޫލު ކުރެވޭ ގޮތުގައި މިތަހުގީގަށް ގިނަ ދުވަސް ނަގާނެއެވެ.
މިއަދުގެ ވަގުތެއްގައި އަރަފާތުގެ ހަށިކޮޅު، ރަސްމީ އިއްޒަތުގައި ދެވަނަ ފަހަރަށް ވަޅުލެވޭނެއެވެ. ފަލަސްތީނުގެ ގިނަ ރައްޔިތުންތަކެއް ދެކޭގޮތުގައި އަރަފާތު އަވަހާރަކޮށްލާފައިވަނީ އިސްރާއީލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ