ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަނުޖެހުން ހިންގި މީހުންގެ ކިބައިން އެދުމަށް އެމްޑީޕީން ހުށަހެޅި: ޔާމީން

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ހިންގި ހަމަނުޖެހުންތައްް ކޮންޓްރޯލުކޮށް ފުލުހުންނާއި ސިފައިން އެދެމުންދިޔަ ކަންތައްތައް ފުރިހަމަކުރުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަނުޖެހުން ހިންގި މީހުންގެ ކިބައިން އެދުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށް، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި ފުރުއްވަމުންގެންދަވާ ޔާމީން ވިދާޅުވީ، ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު އިންޑީޔާ ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމަކަށް އިންޑީޔާ ހައިކޮމިޝަނަށް ވަޑައިގެންނެވިކަމަށާއި އެ ތަނަށް ވަޑައިގެންނެވިއިރު، އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމްދީދީ ވެސް ހައިކޮމިޝަނުގައި ހުންނެވި ވާހަކަ ހައިކޮމިޝަނަރ ވިދާޅުވި ކަމަށެވެ.
"އަޅުގަނޑު ދިއުމުން ހައިކޮމިޝަނަރ ވިދާޅުވީ އެމްޑީޕީ ލީޑަރު ވެސް ހުންނެވި ވާހަކަ. އެ ހިސާބުން އަޅުގަނޑަށް އެނގުނީ ޑީޑީ ވެސް ހުންނެވިކަން. ދެން އެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބޭއްވި ހައިކޮމިޝަނަރގެ ހާޒިރުގައި. ޑީޑީމެން ވިދާޅުވި ހަމަނުޖެހުން ކޮންޓްރޯލުކޮށް ހަމަނުޖެހުން ހިންގި މީހުންގެ ހުށަހެޅުންތައް ގެނެސްދިނުމަށާއި އެ ކަންތައްތައް ފުރިހަމަކޮށް ދިނުމަށް ތިން ދުވަސް ދިނުމަށް ނަޝީދު އެދިވަޑައިގަންނަވާ ކަމަށް " ޓީވީއެމުގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ބޭފުޅުންގެ ވާހަކަތަކަށް އިޖާބު ނުދެއްވީ ރައީސް ނަޝީދަކީ ވިދާޅުވާ އެއްޗަކާ ދެކޮޅަށް އަމަލު ކުރައްވާ ބޭފުޅެއްކަމުން ރައީސް ނަޝީދަށް އިތުރުބާރު ނުކުރެއްވޭތީ ކަމަށެވެ. އަދި އެ ފަދަ ހުށަހެޅުމެއް ހުށަހަޅައިގެން ކަންތައްތައް ހަމަޖެއްސުމަކީ ޔާމީން ގަބޫލު ކުރައްވާގޮތުގައި އޭނާއަށް ކުރެއްވޭނެކަމެއް ނޫން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫންކަމަށާއި އެކަން ކުރަން އެއްވެސް އިރެއްގައި ތާއިދު ނުކުރައްވާކަމަށެވެ. ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކޮށް އެކަން ބަލަން ޖެހޭކަމަށާއި ގޯސްގޮތަކަށް ވެރިކަން ނިމުމަކަށް އައިސްފައިވާ ނަމަ އެކަމުގައި އުޅުނު ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ