ހެލިކޮޕްޓަރު ނުގެނެވިގެން އުޅެނީ ބާއްވާނެ ތަނެއް ނުދެއްކިގެން: ހައި ކޮމިޝަން

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެނެވިގެން އުޅެނީ އޭތި ބާއްވާނެ ތަނެއް ކަނޑަނޭޅި އަދި ހެންގަރުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިނުދީގެން ކަމަށް އިންޑިއަން ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ. އިންޑިޔާާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ދޮގުކޮށް ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާ އިން 2010 ވަނަ އަހަރު ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާގެ އޮފިސަރުން އެމްއެންޑީއެފްގެ ހުއްދަ ނެތި ބައެއް ސަރަހައްދުތަކަށް އުދުހޭ ކަމަށް މީޑީއާ އިން ފަތުރާފައި ވަނީ ދޮގު ހަބަރެއް ކަމަށެވެ. ސ. ގަމުގައި ބާއްވާފައި އޮތް ހެލިކޮޕަޓްރު އޮޕަރޭޓްކުރުމަށް އިންޑިއާގެ އޮފިސަރުން ތިބެނީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސިފައިން ތަމްރީނުކުރުމަށް ވަކި މުއްދަތަކަށް ކަމަށާއި ހެލިކޮޕްޓަރު ދަތުރުތައް ކުރަނީ އެމްއެންޑީއެފްގެ ސީދާ ބެލުމުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އަދުނާން މުހައްމަދު ވެސް މިއަދު ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް ދެ ވަނަ ހެލިކޮޕްޓަރު ގެނައުން ލަސްވާ ސަބަބަކާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި ދެ ވަނަ ހެލިކޮޕްޓަރު ވެސް އެމްއެންޑީއެފުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމުން ރާއްޖެ ގެނައުމަށް މިހާރު ވެސް އޮތީ ތައްޔާރަށް ކަމަށް ހައި ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެ އެވެ. އަދި އެ ހެލިކޮޕްޓަރު އޮތީ ރާއްޖޭގެ ކުލަތަކުން ޕެއިންޓް ވެސް ކޮށްފައި ކަމަށާއި އިތުރު އެހެން އެއްވެސް ހިލާފެއް އެކަމުގައި ނެތް ކަމަށް ވެސް ހައި ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެ އެވެ. ދެ ވަނަ ހެލިކޮޕްޓަރު ރާއްޖެ ނުގެނަސް ލަސްވަނީ އިންޑިއާގެ އިތުރު އަސްކަރީ ޓީމެއް އެއާ އެކު ރާއްޖޭގައި ތިބުމަށް އިންޑިއާ އިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވާތީ ކަމަށާއި އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީންކުރަން އިންޑިއާ އިން ދެކޮޅު ހަދާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފަ އެވެ. ނަމަވެސް ހައި ކޮމިޝަނުން ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކޮށްފައިވާ ހެލިކޮޕަޓަރާ އެކު އަންނާނީ އެ އޮޕަރޭޓްކުރާ ފަރާތްތައް ކަމަށާއި އެއީ އެމްއެންޑީއެފްގެ އެދުމުގެ މަތިން އިންޑިއާ އިން ފޮނުވާ އޮފިސަރުން ކަމަށެވެ. އަދި ދިވެހި ފްލައިޓް އިންޖިނޭރަކާއި ޓެކްނިޝަނެއް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ތަމްރީން ފުރިހަމަކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގެ ދެ ޕައިލެޓަކު ތަމްރީންކުރުމުގެ ފުރުސަތު މި އަހަރު އެމްއެންޑީއެފަށް ހުށަހަޅާފައިވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި ހައްސަކޮށް އަސްކަރީ ގޮތުން ވަރަށް ރަނގަޅު ގުޅުމެއް އެބަ އޮތް ވެސް ހައި ކޮމިޝަނުން ބުންޏެވެ. ހެލިކޮޕްޓަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މި ސަރުކާރުގައި ވެސް އެ މަގާމު ފުރުއްވި މުހައްމަދު ނާޒިމް އަޑީގައި ހުންނަވައިގެން ސަރުކާރު ވައްޓާލުމަށް ރާވަމުން ދިޔަ ރޭވުމުގައި އިންޑިއާ އިން ވާގިވެރިވާ ކަމަށް ދޭހަވާ ގޮތަށް ވެސް ދިވެހި ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ހަބަރުތައް ފަތުރާފައި ވެ އެވެ. ނަމަވެސް އެ ކަމާ ބެހޭ އެއްވެސް ވާހަކައެއް ހައި ކޮމިޝަންގެ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ހައި ކޮމިޝަންގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ހަތިޔާރު ގެންގުޅުމާއި ދައުލަތާ އިދިކޮޅު ހަރަކާތެއް ރޭވުމުގެ ތުހުމަތުގައި ނާޒިމް މިހާރު ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ