އަމިއްލަ މަސައްކަތް ކުރަމުންދާ ފަރާތްތަކަށްވެސް ޕެންޝަނުގައި ބައިވެރިވެވޭނެ: ރައީސް ނަޝީދު

ދިވެހިންގެ ތެރެއިން ވަޒީފާ އަދާކުރާ ފަރާތްތަކަށް މިހާރު ބައިވެރިވެވޭ ޕެންޝަނުގެ ނިޒާމުގައި އަމިއްލަ އެކިއެކި މަސައްކަތްކުރައްވާ ފަރާތްތަކަށްވެސް ޕެންޝަން ލިބިވަޑައިގެންނެވޭނެ ގޮތް އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހަމަޖައްސަވައި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވިޔަފާރި މައި ބަނދަރު މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގައި ރޭ ހުޅުވި އެމްޑީޕީގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޓަޔަރމަންޓް ޕެންޝަނުގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތައް ވަޒީފާއިން ވަކިވާއިރު ވަރަށް ރަނގަޅު އަދަދަކަށް ފައިސާ ލިބޭކަމަށާއި ނަމަވެސް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެޕެންޝަން ލިބިވަޑައި ނުގަންނަވާކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުން ރާއްޖޭގައި މައްސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޕެންޝަން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.
"ސަރުކާރެއް ގާއިމުކުރަނީ ރައްޔިތުންގެ ބޭނުންތައް ފުއްދާދިނުމަށްޓަކައި. ސަރުކާރެެއް އުފެދިގެން އަންނާން މިޖެހެނީ ރައްޔިތުން ބޭނުންވާ ކަމަކީ ކޮބައިތޯ ދެނެގަނެ އެކަންކަން ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައެޅި އެސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކާ. އެމްޑީޕީން މިރޭ މިތަނުގައި ކުރާނެ ސުވާލަކީ، އަދި އަޅުގަނޑުގެ ހިތުގައި މިރޭ އުފެދޭ ސުވާލަކީ، މިތަނުގައި މަސައްކަތްކުރާ މީހުންގެ ދިރިއުޅުން، އަމިއްލަ މަސައްކަތުގައި އުޅޭ މީހުންގެ ދިރިއުޅުން ފާގަތި ކޮށްދިނުމަށްޓަކައި އެމްޑީޕީގެ ސަރުކާރެއްގައި ކުރާން ގަސްތުކުރަނީ ކޮންކަމެއްހޭ؟ އެސުވާލުގެ ޖަވާބު ހުރިހާ މަޖޫރީންވެސް ހުރިހާ ޑްރައިވަރުންވެސް އެބަހޯދަންޖެހޭ. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން، އެމްޑީޕީއަކީ ތަރައްގީގެ ޕާޓީއެއް. އެޕާޓީގެ އަބަދުވެސް މަސައްކަތްކުރާނީ ތިޔަބޭފުޅުންގެ ކަންކަން ރަނގަޅުކޮށްދިނުމަށް، ތަރައްގީ ކޮށްދިނުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައިސް ނަޝީދު ވިދާޅުވީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް، (ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ހިލާފަށް) ވަރަށް ބޮޑެތި ދަތިތަކާ ދިމާވާ ކަމަށާއި އެގޮތުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޕެންޝަނުގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތެއްވެސްނެތް ކަމަށެވެ.
"އެހެންވީމާ އެމީހުންގެ ހާލަތަކީ، އަތްފައިގެ ބާރު ދެރަވީމާ ޕެންޝަނުގެ ގޮތުގައި އިރާދަކުރެއްވިޔާ 2000 ރުފިޔާ ލިބޭނެ. އެހެންނަމަވެސް ވަޒީފާއެއް އަދާކުރާ މީހައަށް ޕެންޝަނުގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލާ ދުވަހު ނުހަނު ރަނގަޅު އެއްޗެއް ލިބޭ. އަމިއްލަ މަސައްކަތްކުރާ މީހުންނަކަށް އެފުރުސަތެއް ނޯވޭ. އަޅުގަނޑު މިރޭ ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަން އެމްޑީޕީގެ ސަރުކާރެއްގައި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ޕެންޝަނުގެ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ ހޯދައިދޭނަން،" އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ރައީސް ނަޝީދު ވިދާޅުވީ ކުންފުޏެއްގައި މަސައްކަތްކުރާ މީހުންނަށް، ނުވަތަ ކުންފުންޏަކަށް ކިތައްމެ ހިދުމަތެއް ނުވަތަ ކިތައްމެ ފަސޭހަތަކެއް ލިބޭކަމަށާއި އަދި ވަކިން ހާއްސަކޮށް ކުންފުނީގެ ގާނޫނުން ވަރަށް ގިނަ ފަސޭހަތައް ކުންފުނިތަކަށް ލިބޭކަމަށެވެ. އަދި ބޭންކުގެ ހިދުމަތްތައްވެސް ކުންފުންޏެއްވިއްޔާ ކިތައްމެ ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް އަމިއްލަ މަސައްކަތްކުރާ މީހުން، ނުވަތަ އަމިއްލަ ވަޒީފާއެއް އަދާކުރާމީހުން، އެމީހުންނަށް ލިބޭ ބޭންކުގެ ހިދުމަތްތައް ލިބުމުގައި ދަތިތަކެއް އެބަހުރިކަމަށާއި ލޯނުގެ ފުރުސަތު ވަރަށް ބޮޑުތަން ހަނި ކަމަށެވެ.
"އެހެންވީމާ އެމީހުންގެ މަސައްކަތްތައް ތަރައްގީކުރުމަށް އަބަދުވެސް އަބަދުވެސް ބޭނުންވާ ފައިސާ މިއޮންނަނީ ދަތިވެފަ. އަބަދުކުރާ މަސައްކަތުން ލިބޭ އެއްޗަކުން ފޮރުވައިގެން ބޮޑެތި ހަރަދުކުރަން ދަތިވާނެ، އެހެންވީމާ މަސައްކަތް ތަރައްގީކުރުމަށްވެސް ދަތިވޭ. އަޅުގަނޑުމެން ކުރިއަށް މިއުފެދޭ ސަރުކާރުގައި އިރާދަކުރެއްވިއްޔާ އަމިއްލަ މަސައްކަތްކުރާ، ނުވަތަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ހާއްސަކޮށްގެން ލޯނުގެ ފުރުސަތު ހުޅުވާލާނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގިނަ އަދަދެއްގެ ތަކެތި ބޭނުންކުރާއިރު ހިނގާ ހަރަދާ، އަދި ހަމައެހެންމެ އެންމެ އެއްޗެއް ބޭނުންކުރިއަސްވެސް ހިނގާ ހަރަދާ އެއްވަރުވޭ، އެތައް ބައިވަރު ލޮރީއެއް އޮތެއްކަމަކު ކުރަންޖެހޭ އެއްހަރަދަކާ، އެންމެ ލޮރީއެއް އޮތެއްްކަމަކުވެސް ކުރަންޖެހޭ އެއްހަރަދެއް އެބައޮތް، އެހެންވީމާ ގިނަ ތަކެއްޗާއެކު މަސައްކަތްކުރާ މީހުންގެ ހަރަދުތައް ކިތައްމެތަނަކުން ކުޑަވޭ. އިގްތިޞާދުގައި އެކަން ނުހަނު ފާހަގަވޭ. އަޅުގަނޑުމެން ކުދިވިޔަފާރިތައް ތަރައްގީކުރުމަށް ނުވަތަ އަމިއްލަ ވަޒީފާ އަދާކުރާ މީހުންގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ވިސްނާއިރުގާ އެމީހުންގެ ތަކެތި ބޭނުންކުރެވޭނެ ގޮތް ފަހިކޮށްދޭން އެބަޖެހޭ. މިސާލަކަށް ފަސޭހައިން ޕާކް ކުރެވޭނެގޮތް، ނުވަތަ ހަރަދު ކުޑަކޮށް ޕާކް ކުރެވޭނެގޮތެއް، އަދި ހަރަދު ކުޑަކޮށް އެހެންވެސް މަރާމާތުގެ ހިދުމަތްތަކާއި އާއްމު އާދައިގެ ހިދުމަތްތައް އަމިއްލަ މަސައްކަތްކުރާ މީހުންނަށް އަމިއްލަ ވަޒީފާގައި އުޅޭ މީހުންނަށް ފޯރުކޮށްދިނުމަކީ އިރާދަކުރެއްވިއްޔާ ކުރިއަށްމިއޮތް އެމްޑީޕީގެ ސަރުކާރުގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ކޮށްދޭނެކަމެއް." ކަސްޓަމްސް ސަރަހައްދުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ