ހުޅުމާލޭގެ ފްލެޓާއި ރޯހައުސް ލިބުނު މީހުންގެ ސުވާލުތަކަށް ޖަވާބު ނުދެވިގެން ބައްދަލުވުން ހުއްޓާލައިފި

އަހުމަދު އަބްދުﷲ އަދި އަބްދުﷲ ޖަމީލު
މި އަހަރު ހުޅުމާލެ އިން ވިއްކުމަށް ހަމަޖެހިފައިވާ އެއް ކޮޓަރީގެ 100 ފްލެޓާއި އިންފާރުން ގުޅިފައިވާ 64 ގެ، ގުރުއަތުން ހޮވުނު މީހުންގެ ފައިސާގެ ހާލަތު ދެނެގަތުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ފޯމު ފުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި އާންމުންގެ ސުވާލުތައް ގިނަވެ، ރިޔާސަތަށް ވަގުތުން ޖަވާބު ނުދެވުމުން އުފެދުނު މައްސަލަތަކާ ގުޅިގެން ބައްދަލުވުން ހުއްޓާލައިފި އެވެ.
ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބޭއްވި ބައްދަލުވުމުގައި އާންމުން އެންމެ ގިނައިން ހުށަހެޅި އެއް ޝަކުވާއަކީ ޑައުންޕޭމަންޓުގެ ގޮތުގައި އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ މައްސަލަ އެވެ.
"ޑައުންޕޭމަންޓުގެ ގޮތުގައި 225،000ރ. އެއްފަހަރާ ދައްކާފައި އެތަނަށް ވަދެވެނީ ވެސް. އަނެއްކާ މަހު ފީގެ ގޮތުގައި 8100ރ. ދައްކަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް. އަޅުގަނޑުމެން އޮޅުން ފިލުވަން ބޭނުންވީ ޑައުންޕޭމެންޓުގެ ފައިސާ ވެސް 20 އަހަރަށް ނުވަތަ ފަންސަވީސް އަހަރަށް ބަހާލައިގެން ކުލީގެ ތެރެއަށް އެއްކޮށްލައިގެން ދެއްކޭނެ ގޮތެއް ނޯންނާނެތޯ. އެމީހުން ބުނަނީ ތިކަން ނޯޓުކޮށްފައި ފަހުން ޖަވާބެއް ދޭނެ ކަމަށް،" އެ ބައްދަލުވުމަށް ދިޔަ، ރޯ ހައުސް ލިބުނު މީހަކު މިއަދު މެންދުރު ސްޓެލްކޯ ބޭރުގައި ހުރެ ކިޔައިދިނެވެ.
އަދި ފްލެޓްތައް ލިބުނު މީހުން ވެސް ޑައުންޕޭމަންޓުގެ މައްސަލާގައި ސުވާލުތައް ކުރިމަތިކުރުވި އެވެ. އޭގެ އިތުރުން ފައިސާގެ ހާލަތު ބަލައި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ އުސޫލުތަކުގެ ދަށުން ފްލެޓާއި ރޯ ހައުސްތައް ކެންސަލުވާ ގޮތާ މެދު ވެސް ބައެއް މީހުން ނުރުހިގެން ސުވާލުތައް އުފެއްދި އެވެ. މިސާލަކަށް އަންހެނަކަށް ލިބޭ ފްލެޓަކަށް ފައިސާ ދެއްކުމުގައި ފިރިމީހާ އަށް ގެރެންޓީ ނުދެވެނީ ކީއްވެގެންތޯ އާއި ހަމައެކަނި އަންހެން މީހާގެ އާއިލާގެ ފައިސާގެ ހާލަތަށް ބުރަވާ ގޮތަށް ހަމަޖައްސާފައި ވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރި އެވެ.
"އެހާ ތަނަވަސް މީހަކު، ތަނަވަސް އާއިލާއެއް އުޅޭނެތަ؟ ވަރަށް މަދުވާނެ. އެހެންވީމާ މި ކަމުގައި ލުއި އެހެން ގޮތްތަކެއް އޮންނަންވާނެ. ނޫނީ އެގޮތަށް ހަމަނުޖެހެންވީ ސަބަބު ވެސް ބުނެދެވެން ވާނެ،" ސްޓެލްކޯގެ ސެމިނާރޫމުން އެންމެ ފުރަތަމަ ނުކުތް މީހުންގެ ތެރޭގައި ހިމެނޭ މެދު އުމުރުގެ ފިރިހެނަކު ބުންޏެވެ. "އެމީހުންނަށް ވެސް އެނގެން ޖެހޭނެ މިކަހަލަ ކަމަކާ ގުޅޭ ސުވާލުތައް ގިނަވާނެކަން، ހޫނުވާނެކަން."
މި ބައްދަލުވުމުގައި އާންމުން ކުރި ސުވާލުތަކަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޖަވާބު ނުދިން ނަމަވެސް، ހުޅުމާލެ އިން ފްލެޓާއި ރޯ ހައުސް އަށް އެދުނު ފޯމުގައި ޑައުން ޕޭމަންޓް އެޑްވާންސްކޮށް ދައްކަން ޖެހޭނެ ކަމަށް އޮންނަ ކަމަށް ވެ އެވެ.
ފްލެޓާއި ރޯ ހައުސް ލިބުނު ބައެއް މީހުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ރިޔާސަތަށް އެ ވަގުތު ޖަވާބު ނުދެއްވުމުން އެކަމާ ހިތްހަމަ ނުޖެހިގެން ބައެއް މީހުން ސްޓެލްކޯގެ ސެމިނާ ހޯލުން ނިކުތެވެ. އެ ހިސާބުން މުޅި ހޯލުތެރޭގައި އަޑުގަދަކޮށް ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށުމުން ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލީ އެވެ.
ބައްދަލުވުމުގެ ބައެއް ބައިވެރިން ނުރުހިފައި ބުނީ އެމީހުންގެ ސުވާލުތަކަށް ވަގުތުން ޖަވާބު ދެވޭ ފެންވަރުގެ ބޭފުޅަކު އެތަނުގައި ނެތް ކަމަށާއި އެއީ ކަންތައް ވެގެންވާނެ ގޮތް ނޫން ކަމަށެވެ.
"މިއީ އަހަރެމެންގެ ވަރަށް ބޮޑު އަސާސީ ކަމަކާ ގުޅޭ މައްސަލައެއް. މިހާރު ވެސް މި ތަންތަން ދޫކުރަނީ އާދައިގެ ނިކަމެއްޗަކަށް ކެތްކުރެވޭ ވަރުގެ އަގަކަށް ނޫން. އެކަމަކު މި ނޫންގޮތެއް ވެސް ނެތް،" އެކަކު ބުންޏެވެ.
މިކަމާ ގުޅިގެން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިއަދު ބުނީ ބައްދަލުވުން މެދުކަނޑާލަން ޖެހުނީ އެތަނުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވޭނެ ފެންވަރުގެ ބޭފުޅަކު ނެތިގެން ނޫން ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ދިނުމަށް ނޫސް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ