ކަނޑޫމާ ރިސޯޓުގެ ކޮންޓްރެކްޓަރު ފައިސާ ނުދިން މައްސަލަ: އެންމެ ފަހުން ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެ، މާރާމާރީ ހިންގައި ބައެއް މީހުން ޒަހ

ކަނޑޫމާ ރިސޯޓަށް ސުނާމީގައި ލިބުނު ގެއްލުންތަކާ އެކު އެ ރަށް އަލުން މަރާމާތުކުރުމުގެ މަސައްކަތާ ހަވާލުވި މެލޭޝިޔާގެ ކޮންޓްރެކްޓަރު، އެ ރިސޯޓުގެ ސަބް ކޮންޓްރެކްޓް ގްރޫޕުތަކަށް ފައިސާ ނުދޭތީ ކޮންޓްރެކްޓަރާއި ގުރޫޕުތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ބުދަ ދުވަހު ތަޅާފޮޅުމަކަށް ބަދަލުވެ މާރާމާރީ ހިންގައި ބައެއް މީހުން ޒަހަމްވެއްޖެ އެވެ.
ކަނޑޫމާ ރިސޯޓުގެ ސަބް ކޮންޓްރެކްޓަރެއް ކަމަށްވާ ޕްރޮކްސީ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު މިއަދު ވިދާޅުވީ ރިސޯޓުގައި ތިބޭ އެ ކުންފުނީގެ މީހުން އެ ރަށުގައި ތިބޭ ގެއިން ނެރެލައި، ކާން ނުދޭތީ އެ މައްސަލަ ހައްލުކުރުމަށް އެފަރާތުން ނޫސްވެރިންނާ އެކު ކަނޑޫމާ އަށް ދިއުމުން އެ ރިސޯޓުގައި ތިބި ސުންޖިންގެ ބައެއް މުއައްޒަފުން މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެގޮތުން އެ ރިސޯޓުގެ އަތިރިމަތީގައި ސުންޖިންގެ ފަންސާހަކަށް މުއައްޒަފުން ލަކުޑި ބުރިތަކާއި ދަގަނޑުބުރި ފަދަ ތަކެތި ހިފައިގެން ތިބި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިޔައީ އެ ރަށުގައި ތިބި އަޅުގަނޑުމެންގެ މުއައްޒަފުން ގެދޮރުން ނެރެލައި ކާއެއްޗެއް ނުދީ ބަނޑަށް ޖައްސާފައި ތިބީމައި އެކަންތައް ބެލުމަށް. އެހެން ނަމަވެސް އެ ރަށަށް ދިޔައިރު ސުންޖިންގެ ގިނަ މީހުން ތިބީ ދަގަނޑާއި ލަކުޑި ބުރިތައް ހިފައިގެން ޖެޓީމަތީގައި އަޅުގަނޑުމެންނާ ތަޅާފޮޅަން ތައްޔާރުވެގެން،" ޝާހިދު ވިދާޅުވި އެވެ.
ޕްރޮކްސީ ގްރޫޕުގެ އިސް ބައެއް މީހުންނާއި ނޫސްވެރިން އެ ރަށަށް ފައިބަން އުޅުމުން ސުންޖިން އިން އެކަމަށް ހުރަސް އެޅުމުން ޕްރޮކްސީގެ 10 ވަރަކަށް މުއައްޒަފުން ސުންޖިންގެ މުވައްޒަފުންނާ ވަނީ މާރާމާރީ ހިންގައިފަ އެވެ. އެ މާރާމާރީގައި ދިވެހި ދެ ގުރޫޕުގެ މީހުންނަށާއި ބޭރު ކުންފުނީގެ ބައެއް މީހުންނަށް އަނިޔާވެ ޒަހަމްވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ބައެއް މީހުންގެ އަނގަމައްޗާއި ބޯފަޅާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރޮކްސީން ބުނިގޮތުގައި އެ ގުރޫޕުގެ މުއައްޒަފުން ތިބޭ ގެ ތަޅާލައި ގެއިން ބޭރުކޮށްލުމުން އެ މަންޒަރު ދައްކާލަން ގެންދިޔަ ނޫސްވެރިން ވެސް އެ ރަށަށް ނާރުވައި ސުންޖިން އިން ވަނީ ފަސްގަޑިއިރު ވަންދެން ފާލަންމަތީގައި ބައިތިއްބައިފަ އެވެ. އެހެން ނަމަވެސް ރޭ އަށެއް ޖަހާކަންހާއިރު ނޫސްވެރިން އެ ރަށުތެރެ އަށް އެރި އެވެ.
ސުންޖިން އިންޖިނިއަރިންގެ ގާނޫނީ ވަކީލެއް ކަމަށްވާ އިބްރާހިމް ރިފުއަތު މިއަދު ވިދާޅުވީ ސުންޖިންއާ ބެހޭ ގޮތުން ޕްރޮކްސީން ދައްކަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައަކީ ކޯޓުން ނިންމަން ޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުންޖިންއަކުން ނުބުނޭ ފައިސާ ނުދޭނަމޭ. އެހެން ނަމަވެސް ފައިސާގައި މައްސަލައެއް އުޅޭތީ ކޯޓަށް ގޮސްގެން މައްސަލަ ނިންމަން ބޭނުންވާ ކަމަށް އެ މީހުން އެބަ ބުނޭ. އެހެންކަމުން މި މައްސަލަ ކުރިއަށް ގެންދާނީ ކޯޓުން،" ރިފްއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގްރޫޕުތަކުން ތިބޭ ގެތައް ރޫޅާލާފައިވަނީ އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އޭގައިވާ ގޮތުގައި ކުރަންޖެހޭ މަސައްކަތްތައް ނިމުމުން ރަށުގައި ތިބުމުގެ ހުއްދައެއް ނޯންނާނެ އެވެ. އެހެން ނަމަވެސް އެ ގުރޫޕުތަކުގެ މީހުންނަށް ކ. ގުރައިދޫން ތަނެއް ހޯދައި، އޮކޮމަޑޭޝަން ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ދިވެހި ގުރޫޕުތަކުން ބުނަނީ މަސައްކަތުގެ އެއްބަސްވުމުގައިވާ ގޮތުން ރަށުން ފައިބަން ޖެހޭނީ މަސައްކަތުގެ ފައިސާ ލިބުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ