އޭޓީއެމަކުން ފައިސާ ނަގައިގެން ދިޔަ މީހެއްގެ އަތުން ފައިސާތައް ފޭރިގެންފި

އޭޓީއެމަކުން ފައިސާ ނަގައިގެން ދިޔަ މީހަކު ހިފަހައްޓައި، ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު އޭނާ އަތުގައި ހުރި ފައިސާތައް ބަޔަކު ފޭރިގެންފި އެވެ.
ފުލުހުންގެ މައިމަރުކަޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރު މުހައްމަދު ޖަމްޝީދު ބުރާސްފަތި ދުވަހު ވިދާޅުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ 30: 11 ހާއިރު މީހަކު ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުގައި ހުންނަ އޭޓީއެމުން ފައިސާ ނަގައިގެން ދަނިކޮށް އާއްމުންގެ މީހަކު އޭނާ މަޑުކުރުވައި، އޭނާ ތަނަކަށް ގެންގޮސްދޭން އެދުނު ކަމަށެވެ. އަދި އެތަނަކަށް (ކެފޭއަކަށް) އެ މީހާ އާ އެކު ދިއުމުން އިތުރު މީހަކު ވެސް އެތަނަށް ގޮސް ފިރިހެން މީހާ އަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށް ފަހު ފައިސާތައް ފޭރިގެންފައިވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ފޭރިގެންފައިވަނީ ކިހާ ފައިސާއެއްކަން އޭނާ ވިދާޅުނުވި ނަމަވެސް، އެރޭ އެ މީހާ ކެފޭ އަށް ގެންގޮސް ތޫނު އެއްޗަކުން ބިރު ދައްކައި އިތުރު ފައިސާ އަށް ޑިމާންޑްކޮށް، އެ މީހާ ލައްވާ އެ މީހުން އިތުރު ފައިސާ ހޯދާފައިވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެކަން ކުރި މީހުން ހޯދަމުން ދަނިކޮށް، އެ މީހުން ފެނިފައިވަނީ މަގުމަތީގައި މީހެއްގެ އަތުން ފައިސާ ފޭރިގަންނަން މަސައްކަތް ކުރަނިކޮށް ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ މ. މުރަނގަމާގޭ ހަސަން މޫސާ، ،33 އާއި ސ. ހިތަދޫ ދަނބުސުތުލި އަސްލަމް އިބްރާހިމް، ،24 އެވެ. އަސްލަމް އިބްރާހީމަކީ ވައްކަމާއި ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލާފައިވާ މީހެއް ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.
މިހާރަކަށް އައިސް މާލެ ތެރޭގައި ފޭރުން އިތުރު ވެފައިވާ ކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ކާކުކަން ނޭނގޭ މީހުންނާ އެކު ތަންތަނަށް ގޮސް ނުހެދުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ