ރައީސް ވަހީދަށް އޮފީހަށް ނުކުމެވަޑައިނުގެންނެވޭ ވަރުގެ ހަރަކާތަކަށް އެމްޑީޕީގައި އެދޭނަން: ނަޝީދު

މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި ރައީސް މުހައްމަދު ވަހީދަށް އޮފީހަށް ވަޑައިނުގެންނެވޭވަރުގެ ހަރާކަތްތަކެއް ހިންގުމަށް ތާރީހެއް ކަނޑައަޅަން އެމްޑީޕީގައި އެދިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ވެބްސައިޓްގައި ބުނެފައި ވަނީ ރާއްޖޭގައި ރައްޔިތުންނަށް ސަރުކާރުން ދެމުން އަންނަ އަނިޔާތައް އެމްނެސްޓީ އިންޓާނޭޝަނަލް ފަދަ ޖަމާއަތްތަކުން ވެސް ގާތުން ބަލަމުން ގެންދާ ކަމަށް ލޮނުޒިޔާރަތްކޮޅުގައި ވާހަކަ ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވި ކަމަށެވެ.
ނަޝީދު ތަކުރާރުކޮށް ވިދާޅުވީ މިހާރުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި އެމްޑީޕީން ސަރުކާރު ހުއްޓުމަށް ގެނައުމަށް ކަންތައްތަކެއް ރާވަންޖެހިފައިވާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ވެސް ހަރަކާތްތަކެއް ހިންގުމަށް ދިވެހި އަންހެނުން ތައްޔާރުވަމުންދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ސަރުކާރު ހުއްޓުވުމަށްޓަކައި އިހްތިޖާޖްކުރުމަށް ދުވަހެއް ކަނޑައެޅުމަށް އެމްޑީޕީގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމެރިކާގައި ވެސް 40،000 މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާ ކަމަށާއި ރާއްޖޭގައި ބާއްވާ އެއްވުންތަކުގައި ބައިވެރިވާން އިނގިރޭސީންނާއި ޖަރުމަނުން ވެސް ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޑިމޮކްރަސީގެ އެއްވުންތަކުގައި ބައިވެރިވުމަށް މުޅި ދުނިޔެ އަށް ކުރީގެ ރައީސް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މިހާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ އީވާން ނަސީމު މަރާލިއިރު އެކަންކަން ބަލައި ރާވާ ހިންގުމަށް ޖަލުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ރިޔާޒަކީ މިފަދަ އަނިޔާތަކުގައި ޝާމިލްވާ ފަރާތެއް ކަމަށާއި ރިޔާޒަކީ ނާޖާއިޒް އެތައް ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވި އެވެ. ރިޔާޒް ކުރައްވާ ވިޔަފާރީގެ ތެރޭގައި ރަށްރަށުގައި ތެޔޮވިއްކުމާއި އޮޑިދޯނިފަހަރު ބަނުމުގެ ވިޔަފާރިތައް ހިމެނޭ ކަމަށް ވެސް ނަޝީދު ވިދާޅުވި ކަމަށް އެމްޑީޕީގެ ވެބްސައިޓްގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ