ހިމަންދޫ މައްސަލައިގެ ޝަރީއަތް: ޓެރަރިމް ދައުވާކުރާ 19 މީހެއްގެ މައްޗަށް ޝަރީއަތް ފައްޓަވައިފި

މިދިއަ އޮކްޓޫބަރު މަހު އއ. ހިމަންދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމް ކުށުގެ ދައުވާ ލިބޭ މީހުންގެ ތެރެއިން 19 މީހެއްގެ މައްޗަށް މިއަދު ޝަރީއަތް ފައްޓަވައިފި އެވެ.
ދެ މަޖިލީހެއްގައި މިއަދު ބޭއްވެވި ޝަރީއަތްތަކުގެ ތެރެއިން ފުރަތަމަ މަޖިލީހަށް ހާޒިރުކުރީ 13 މީހެކެވެ. އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފަ އެވެ.
ފުރަތަމަ ޝަރީއަތަށް ހާޒިރުކުރީ އއ. ހިމަންދޫ ދިލްކުޝާގޭ އަހުމަދު ނަސީމާއި އެރަށު އުފަންބިން އަބްދުލް ގާދިރު އިބުރާހީމާއި ހއ. މުޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި އއ. ހިމަންދޫ ހެޕީ ރެސްޓް މުހައްމަދު އަލީ އާއި ސ. ހިތަދޫ ދަތުރުނާގޭ އިބްރާހިމް ޖަމީލާއި އއ. ހިމަންދޫ އަސުރުމާގޭ އަލީ އާދަމާއި އެރަށު ރޯޒީވިލާ އަލީ ނަޝީދާއި ލ. ފޮނަދޫ އައްސޭރި ހައުސް މުހައްމަދު ޝަކީލާއި ލ. ކަޅައިދޫ އޯކިޑްމާގޭ މުހައްމަދު މުސްތޮފާ އާއި ނ. މަނަދޫ މާގޭ ނަދީމު ހަސަނާއި އއ. ހިމަންދޫ ނޫރާނީގޭ އަހުމަދު ޝަކީބާއި އއ. ހިމަންދޫ ވިލުދޮޅި އަހުމަދު އަރީފު އަދި ހދ. ކުޅުދުއްފުށީ ބަބޫގޭ ހަސަން އަލީ އެވެ.
ޖިނާއީ ކޯޓުގެ ގާޒީ މުހުތާޒު ފަހުމީ ކުރިޔަށް ގެންދެވި މި މަޖިލީހުގައި ޖަމީލު ފިޔަވައި އެންމެން ދައުވާ އަށް އިންކާރުކޮށް ވަކީލަށް އެދުނު ނަމަވެސް އައްޑު އަތޮޅު ހިތަދޫ ދަތުރުނާގޭ ޖަމީލު ބުނީ އޭނާ ވަކީލެއް ވެސް ބޭނުން ނުވާ ކަމަށާއި އޭނާ އެ ދުވަހު އެތާނގައި ނުހުންނާނެ ކަމަށާއި އޭނާގެ ސިފައިގައި މީހަކު ފެނުނު ނަމަ އެއީ ހަންޑިއެއް ކަމަށެވެ. އަދި ބުނީ އޭނާގެ މައްޗަށް ގާޒީ ބޭނުން ހުކުމެއް ކުރަންވީ ކަމަށެވެ.
"ހެޔޮ މަރަން ހުކުމް ކުރިއަސް. މީ ޖަމީލަކީ. އެތަނުގައި އިން ކަމަށް ތިބުނަނީ ޖަމީލެއް ނޫން. ހެޔޮ ލޯޔަރެއް ވެސް އެކައްޗެއް ވެސް ބޭނުމެއް ނޫން. އަހަންނަށް ހާދަ އަނިޔާއެއް ކޮށްފިއޭ،" އޭނާ ބުންޏެވެ.
މުހުތާޒު އެ މަޖިލިސް ނިންމަވައިލެއްވީ ގާނޫނީ ވަކީލެއްގެ އެހީ އަށް ބޭނުންވި އެންމެނަށް ތިން ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ކުރުމަށް ފުރުސަތު ދެއްވައިފަ އެވެ.
މިއަދު އޮތް ދެވަނަ ޝަރީއަތުގެ މަޖިލީހަށް ހަ މީހަކު ހާޒިރުކުރި އެވެ. އެއީ ސ. ފޭދޫ ޕެރިސްގޭ ހުސައިން ފާއިލް އާއި ހ. ބުރަކި އިސްމާއިލް ސަޔާހު އާއި އއ. ހިމަންދޫ ދިލްކުޝާގޭ މުހައްމަދު ހުސެއިންނާއި އެރަށު ގުލްފާމުގޭ އަހުމަދު ރަމްޒީ އާއި އެރަށު އަސުރުމާގޭ އާދަމް މުހައްމަދާއި ވ. ލަވްލީ ހައުސް އިބްރާހިމް ވަހީދެވެ.
މީ ހަ މީހުންގެ ތެރެއިން އުމުރުން ވަރަށް ދުވަސްވެފައިވާ މުހައްމަދު ހުސައިން ބުނެފައި ވަނީ އޭނާ ދައުވާ އަށް ޖާވާބުދާރީ ވާނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. މުހައްމަދު ހުސައިންނާއި ރަމްޒީ ވަކީލަކަށް އެދުނީ ދައުވާ އަށް އިންކާރު ކުރުމަށް ފަހު އެވެ. ދެން ތިން ތި މީހުން ބުނީ ވަކީލެއް ބޭނުން ނޫން ކަމަށެވެ. މި ހަ މީހުންގެ ތެރޭގައި ހިމެނޭ ޝަޔާހު ބުނީ އެ މީހުން ބަޔަކާ ހަނގުރާމަ ނުކުރާ ކަމަށާއި އެ މީހުންނާ ހަނގުރާމަ ކުރުމަށް އައި ބަޔަކު ދިން ހަމަލާތަކެއް ދިފާއުކުރީ ކަމަށެވެ.
މި ޝަރީއަތް ކުރިޔަށް ގެންދެވީ ޖިނާއީ ކޯޓުގެ ގާޒީ އަލީ ރަޝީދެވެ.
މިއަދު ޝަރީއަތް ފެށި 19 މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ 6 އޮކްޓޫބަރު 2007 ގައި ހާއްސަ އޮޕަރޭޝަނެއް ހިންގިއިރު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ހިމަންދޫ ދާރުލްހައިރު ކައިރީގައި ކޮޅު ތޫނުކޮށްފައިވާ ދަގަނޑާއި ގަލާއި ކަނޑި އާއި ޕެޓްރޯލާ ޑީސަލާއި ކަޅުތެލާއި އެސިޑު ހިފައިގެން މީހުން ތިބި ކަމަށެވެ. ބައެއް މީހުން މޫނު ނިވާކޮށް ހެލްމެޓް އަޅައި ސަލާމަތީ ބާރުތަކާ ދެކޮޅަށް އަޑު އުފުލައި ފުލުހުންނަށް ހުރަސްއަޅައި ދާރުލް ހައިރަށް ނުވަދެވޭ ގޮތަށް ހަތިޔާރާ އެކު ސަފަކަށް އެތުރިގެން ތިބި ކަމަށެވެ. އެ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް އިންޒާރު ދިނުމުމުން ލަޓިބުރި އާއި ދަގަނޑާއި ކަނޑި އާއި ދާވަންޏާއި ޕެޓްރޯލާއި އެސިޑާއި ގަލުން ފުލުހުންނާއި ސިފައިންނަށް ހަމަލާދީ އަނިޔާކޮށް ސަލާމަތީ ބާރުތަކުގެ ތަކެއްޗަށް ގެއްލުން ދީ ސިފައިގެ މީހަކު ރަހީނުކޮށް، ބޮޑެތި ޒަހަމްތައް ކޮށްފައިވާ ކަމަށާއި އެކަމުގައި މި 19 މީހުން ބަިއވަރިވެފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން މިއަދު ވަނީ ހިމަންދޫގައި ހުންނަ ދާރުލް ޚައިރު އޭ ކިޔާ ގޭގައި ވަކި ޖަމާއަތް ހަދައިގެން ނަމާދައި ހުކުރު ކުރުމަށް ހުއްދަ ދީފައިވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަތަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ ލިބޭ އެގޭ ވެރިފަރާތުގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުން ނިންމަވައިފަ އެވެ.
ހިމަންދޫ، ވެނީލާގޭ މޫސާ އަބޫބަކުރުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ދެން ބާއްވަވާ ދުވަހަކު އޮންނާނީ ހުކުމް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ