އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމަށް: ރައީސް ނަޝީދު

ކުޅުދުއްފުށިން: އަބްދުﷲ ޖަމީލު
އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ގެންދަނީ ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ހިއްކި ބިމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ދިގު މާޒީގައި ރައްޔިތުން ބޭނުންވާ އާއްމު ހިދުމަތްތައް ފޯރުކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ މިންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ފޯރުކޮށްދެމުންގެންދާ މަދަނަ ސްކީމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ސިންގަޕޫރު ފަދަ ތަންތަނުން ބޭސްފަރުވާ ކުރި ނަމަވެސް މި ސަރުކާރުގެ ސިޔާސީ އެއްވެސް މުވައްޒަފަކަށް މަދަނަ ވިއުގަ ފިޔަވައި އެހެން ގޮތަކުން ބޭސްފަރުވާ ނުކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ތަރައްގީއަކީ ބޮޑު ހިލައިން ނުވަތަ ކަނޑުތޮށިން މިނާ އެއްޗެއް ނޫން ކަމަށާއި ތަރައްގީއަކީ ރައްޔިތު މީހާގެ ފުދުންތެރިކަން އިތުރުވުން ކަމަށެވެ. އަދި މި ސަރަހައްދުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މި އަހަރުގެ ތެރޭގައި ދިހަ ރަށަކަށް ޓެލެމެޑިސިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ރައްޔިތުންނަށްވި ވައުދުތައް ފުއްދައި ދިނުމަށް ކަމަށެވެ. އެގޮތުން މަތިއުތުރު ޕްރޮވިންސްގެ ސްކޫލްތަކުގައި މިއަހަރު އިތުރު 20 ކްލާސް ރޫމް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މި ޕްރޮވިންސްގައި 625 ހައުސިން ޔުނިޓް އެޅުމަށް ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި ސަރަހައްދުގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން، މި އަހަރުގެ ތެރޭގައި މި ޕްރޮވިންސްގެ 13 ރަށެއްގެ ބަނދަރު ހަދައި ހަތަރު ރަށެއްގައި ބަނދަރުމަތި ތަރައްގީކޮށް ހަތަރު ރަށެއްގައި ފެނުގެ ހިދުމަތް އަދި ތިން ރަށެއްގައި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މިރަށުގައި ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ސިޔާސީ ޕާޓީތައް މިހާރަށްވުރެ ވަރުގަދަވާން ޖެހޭ ކަމަށެވެ. މި ސަރުކާރުން ސިޔާސީ ފަރާތްތަކަށް ބިރެއް ނުދައްކާނެ ކަމަށާއި ހިފާ ހައްޔަރު ވެސް ނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މި ރަށުގެ ކައުންސިލަށާއި އަތޮޅު ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓުން ތައާރަފުކުރުން ވެސް އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ