އިންޑޮނީޝިއާގެ މެރިޓައިމް މިނިސްޓަރާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

މިހާރު ވަޑައިގެން އުޅުއްވާ އިންޑޮނީޝިޔާގެ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓަރު ޑޮކްޓަރ ފެޑެލް މުހައްމަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އަރިހަށް މިއަދު އިހުތިރާމް ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާކޮށް ކަނޑާއި ފަރާއި ފަޅުގެ ދިރުން އާލާކުރުމުގެ ވިޔަފާރި ރާއްޖެއަށް ތައާރަފްކޮށް މި ވިޔަފާރި ފުޅާ ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.
އަދި އިންޑޮނީޝިޔާއަކީ އެކުއާކަލްޗާ އާއި މެރިކަލްޗާ އިންޑަސްޓްރީ ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ރާއްޖެއާއި އިންޑޮނީޝިޔާއާ ދެމެދު މިދާއިރާއިން ގުޅުން ބަދަހިކޮށް އިންޑޮނީޝިޔާގެ ތަޖުރިބާ ރާއްޖެއާއެކު ހިއްސާ ކުރެވިދާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މީގެއިތުރުން ރާއްޖޭގައި މިދާއިރާއިން ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ދެ ގައުމުގެ ޕްރައިވެޓް ސެކްޓަރުގެ މެދުގައި މި ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މިދާއިރާއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ އިންޑޮނީޝިޔާގެ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވިފައިވާކަން ހާމަކުރައްވައި ރައީސް ވަނީ އިންޑޮނީޝިޔާ ސަރުކާރު މެދުވެރިވެގެން ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ މަގުފަހި ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އިންޑޮނީޝިޔާގައި އެކުއާކަލްޗާ އާއި މެރިކަލްޗާގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އިންޑޮނީޝިޔާގެ މަސްވެރިކަމާބެހޭ ވަޒީރު އެރުއްވިއެވެ.
އަދި މި ދާއިރާއިން ރާއްޖޭގައި ހުރި ފުރުސަތުތަކުގެ ބޭނުންހިފައި، ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންޑޮނޭޝިޔާގެ ކުންފުނިތަކުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ