ސަޕޯޓް ހޯދަން ފައިސާ އާއި ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ: ކޮމަންވެލްތުގެ އޮބްޒާވަރުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަޕޯޓް ހޯދަން ފައިސާ އާއި ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޮމަންވެލްތު އޮބްޒާވާ ގްރޫޕުން ބުނެފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ގްރޫޕް އިސް ވެރިޔާ، ބާބެޑޯސްގެ ކުރީގެ ބޮޑުވަޒީރު އޮވެން އާތާ ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕެއިން ހިނގަމުން ދިޔައިރު ވަރަށް ގިނަ ޝަކުވާތައް އިވިފައިވާ ކަމަށެވެ.
"މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންނަށް ވެސް ބިރުދެއްކި ކަމަށް ތަހުމަތުކުރެވިފައިވޭ. މިކަހަލަ ގާނޫނާ ހިލާފުކުރަންކަންތައް ކުރުމުގެ ސަބަބުން އިންތިހާބަށް ވަރަށް އަސަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އޮވެން ވިދާޅުވީ އިންތިހާބުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.
"އިންތިހާބުގެ އޮފިޝަލުން ވެސް ރަނގަޅުކުރަންޖެހޭ ކަންތައްތަކާއި މަސައްކަތްތައް އަވަސްކުރަންޖެހޭ. އަދި ވޯޓުލި މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ފާހަގަކުރެވުނު،" އޭނާ ވިދާޅުވި އެވެ.
އޮވެން ވިދާޅުވީ ފުރަތަމަ ބުރުގައި މައްސަލަތަކެއް ދިމާވީ އިންތިހާބު ބާއްވަން ލިބުނު މުއްދަތު ކުރުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ވޯޓުލާ މީހުންގެ ލިސްޓް ފުރިހަމަނުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖުމްލަކޮށް ކެމްޕޭންގެ ކަންތައް ދިޔައީ ރަނގަޅަށް. ނަމަވެސް ކުދިކުދި ހަމަނުޖެހުންތަކެއް ހިނގާފައިވާކަން ފާހަގަކުރެވޭ. އަދި އޭގެ އިތުރުން ދެ ޕާޓީން ވެސް ދީނީގޮތުން ސާބިތު ނުހިފޭ ވާހަކަތައް ދައްކާފައިވޭ،" އޮވެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ނިމިގެން ދިޔައީ ވަރަށް އޮމާންކަމާއެކު ކަމަށާއި އަދި ދެ ވެރިންވެސް ނަތީޖާ ވަރަށް ފުރިހަމައަށް ބަލައިގެންފައިވާ ކަމަށެވެ.
"އެހެންކަމުން ކުރިޔަށް އޮތް މަޖިލިސްގެ އިންތިހާބަށް ޑިމޮކްރަސީގެ އުސޫލްތަކާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރުމަށް ފުރުސަތު އެބައޮތް،" ބާބެޑޯސްގައި 14 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވާ އާތާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވި އެވެ.
ކޮމަންވެލްތުގެ ހެޑް އޮފް ޑިމޮކްރަސީ ސެކްޝަން މާކް ސްޓީވަންސް ވިދާޅުވީ އިންތިހާބުގެ އޮބްޒާވަރުންގެ ރިޕޯޓް ވަރަށް އަވަހަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރިޕޯޓް އާއްމުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ