ކުރީގެ މެންބަރުންނަށް ވީއައިޕީގެ ހިދުމަތް ދިނުމަށް ހުށަހެޅި އިސްލާޙު އަނބުރާ ގެންގޮސްފި

ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ވީއައިޕީގެ ހިދުމަތް ލިބޭ ގޮތަށް މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި އިސްހާލު އަނބުރާ ގެންދަވައިފިއެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އެ އިސްލާހު އަނބުރާ ގެންދެވިކަން ހާމަކުރައްވަމުން މުސްތަފާ ވިދާޅުވީ ހިމާޔަތާއި ރައްކާތެރިކަން މާތްﷲ ދެއްވާފައި ކަމަށާއި، އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުގެ ފަރާތުން އޭނާ ބޭނުން ނުވާ ކަމަށެވެ.
"ފަސްވަގުތު ނަމާދު ކުރަން. އެއަށް ވުރެ މޮޅު ރައްކާތެރިކަމަކާއި ހިމާޔަތެއް ލިބިފައެއް ނެތް" މުސްތަފާ ވިދާޅުވިއެވެ.
މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް މުސްތަފާ އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބު ލިބުނު ދެ މެންބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާ ވެސް ވަނީ ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތްތަކެއް ހޯދަން އިސްލާޙުތަކެއް ހުށަހަޅާފައެވެ.
ލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރާށާއި މެންބަރުކަން ކުރުމުން ލިބޭ އިނާޔަތް 55 އަހަރު ވުމުން ލިބޭ ގޮތައް އޮންނަ އޮތުން މެންބަރު ކަމުން ވަކިވާ ދުވަހުން ފެށިގެން ލިބޭ ގޮތް ހަދާށެވެ.
ޤާނޫނުގެ 8 ވަނަ މާއްދާގެ (ޅ) އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝްއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ. މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުންނަމަ މި ހެލްތު އިންޝްއަރެންސް ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަން ކުދިން ބައިވެރި ކުރެވިދާނެ ކަމަށާއި މިގޮތަށް ބައިވެރިކުރާ ފަރާތައް ދައްކަން ޖެހޭ އިންޝްއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލައަށް ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ.
މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 30 އިންސައްތަ ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފައެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު 25500 ރުފިޔާއެވެ. އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 އިންސައްތަ ދިނުން ޤާނޫނު ލާޒިމް ކުރެއެވެ. އެއީ މަހަކު 38250 ރުފިޔާ އެވެ.
މިހާރު ޤާނޫނު އޮންނަ ގޮތުން އެ ފައިސާ މެމްބަރުންނަށް ލިބޭނީ މެމްބަރަކު މަޖިލީހުން ވަކިވުމަށްފަހު އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ