ދައުވާގެ ލިޔުންތައް އާޒިމާއާ ހަވާލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކޮށްފި އެވެ.
އާޒިމާއަށް ލިޔުންތައް ހަވާލު ކޮށްފައި ވަނީ މިއަދު ހެނދުނެވެ. އޭނާގެ ފަރާތުން ކޯޓަށް ވަޑައިގެންނެވީ ބޭބެ، އަލީ އާމިރެވެ.
މީގެ ކުރިން ވެސް އާޒިމާއަށް ލިޔުންތައް ހަވާލު ކުރުމަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޗިޓް ހަވާލު ނުކުރެވިގެން އެކަން އޮތީ ނުވެ އެވެ. އޭނާ މީގެ ދުވަސްތަކެއް ކުރިން އުޅުއްވީ ރާއްޖެއިން ބޭރުގަ އެވެ. މިފަހުން ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ޖިނާއީ އިޖުއާތުގެ ގާނޫނުގައިވާ ގޮތުން ލިޔުންތައް ހަވާލުކޮށް މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ފަށަން ޖެހެ އެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އާޒިމާ މަގުފަހިކޮށްދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލާގަ އެވެ. އާޒިމާ ވަނީ ރައީސް ޔާމީންގެ ވަކީލްކަން ކުރައްވާފަ އެވެ.
ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް އާޒިމާއަށް ކުރެ އެވެ. އެ ދައުވާ ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށް ރައީސް ޔާމީންގެ ފަރާތުން ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ