ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާ އިން އަތުލައިގެންފި

އިންޑިއާ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފާކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.
އެ ގައުމުގެ މީޑިއާގައިވާ ގޮތުން، އިންޑިއާގެ ޓްރިވެންޑްރަމްގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ވަނީ 14 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. ކާރެއްގައި ފޮރުވައިގެން އެ ތަކެތި ގެންދިޔައީ އަންދްރަޕްރަދޭޝުން ކަމަށާއި އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުން، އެ މަސްތުވާތަކެތި ގެންދިޔައީ ރާއްޖެ އާއި ބޭރުގެ އެހެން ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ އެޖެންޓަކާ ހަވާލު ކުރުމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ފަރާތުން ގިނަ މައުލޫމާތުތަކެއް ލިބެމުންދާ ކަމަށާއި އޭގެ ތަފްސީލުތައް ފަހުން ހާމަކުރާނެ ކަމަށް އިންޑިއާގެ ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ