އަންހެން ކުއްޖެއް ރޭޕްކޮށް ބަނޑުބޮނޑުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި

އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖެއް ރޭޕްކޮށް ބަނޑުބޮނޑުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުކުރެވޭ އުމުރުން 37 އަހަރުގެ ފިރިހެނެއް މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ކުޑަކުއްޖަކު ރޭޕް ކުރުމުގެ މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އަނިޔާ ލިބޭ ކުދިންގެ އަތޮޅާއި ރަށުގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެެ. އެއީ އެ ކުދިންގެ ވަނަވަރު ހާމަވެ، އެ ކުދިންގެ ކަރާމާތަށް އުނިކަން އައިސްދާނެ ކަމަކަށް ވެދާނެތީއެވެ. އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ވެސް ވަނީ ފެންމަތިވެފަ އެވެ. މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މަައްސަަލައަކާއި، ބްލްކްމެއިލްކޮށްގެން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ. އޭގެ އިތުރުން، މިދިޔަ މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިފަދަ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މިދިޔަ ހޯމަ ދުަވަހު މާލޭގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި ރޭ ފުލުހުންގެ ބިލަށް ހިޔާލުހޯދުމަށް މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ