ޕީޕީއެމް/ޕީއެންސީ އަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެޗްޑީސީގައި އެދިއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓްގެ ހައުސިން ޔުނިޓް އެޗްޑީސީން މިދިޔަ ހަފުތާގައި ވަނީ އެޗްޑީސީން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އޭގެ ފަހުން މީޑިއާގައި އެތަނާ ބެހޭ ގޮތުން ކުރި ރިޕޯޓްތަކަށް އެކި ގޮތްގޮތަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހިޔާ ފްލެޓްތަކާ ގުޅިގެން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އެ ކޯލިޝަނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
އާންމުންގެ މިފަދަ ޝަކުވާތައް ލިބިފައި ވާތީ ހިޔާ ފްލެޓްތައް ބަލައިލަން އިދިކޮޅު ކޯލިޝަނުން ބޭނުންވާ ކަމަށާއި އަންނަ އާދިއްތަ ދުވަހަށް އެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ސިޓީގައިވެ އެވެ. އިދިކޮޅުން ބުނީ ފްލެޓްތައް ބަލައިލަން ކޯލިޝަނުން ދާނީ 30 މެމްބަރުންގެ ޓީމެއް ކަމަށެވެ.
ޔާމީންގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މި މަޝްރޫގައި އަޅާފައި ވަނީ 25 ބުރީގެ 16 ޓަވަރެކެވެ. ކޮންމެ ޓަވަރެއްގައި ތިން ލިފްޓް ބަހައްޓާފައި ހުރެ އެވެ. ހަނިކޮށް ދިގުކޮށް ފަރުމާކޮށްފައިވާ މި ފްލެޓްތަކުގައި ހުންނަނީ ދެ ކޮޓަރި އެވެ. ކޮންމެ ކޮޓަރިއެއްގައި 99 އަކަފޫޓް، ސިޓިން ރޫމްގައި 217 އަކަފޫޓް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ