އިހަވަންދިއްޕޮޅުގައި އިންވެސްޓުކުރުމުގެ ފުރުޞަތެއް އިއުލާނުކުރަނީ

ރާއްޖޭގެ އުތުރުގެ އިހަވަންދިއްޕޮޅު ތަރައްޤީކުރުމަށް ޚާއްޞަ އިންވެސްޓުމެންޓު ފުރުޞަތެއް އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ސަރުކާރުން އިއުލާނުކުރާނެ ކަމުގައި ބުނެފިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އައިހޭވަންގެ ނަމުގައި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ޚާއްޞަ މަޝްރޫޢެއް އިއުލާނުކުރިއެވެ. އެ މަޝްރޫގެ އަމާޒަކީ ޓްރާންސްޝިޕްމެންޓު ބަނަދރެއް ތަރައްޤީކުރުމާއެކު، އެ ސަރަހައްދުގައި ބޭރުކުރާ ސާމާނު ޕްރޮސެސްކުރާނެ ޚާއްޞަ ސަރަހައްދަކާއި ޑޮކްޔާޑަކާއި އިތުރު ބައެއް ވަސީލަތް ޤާއިމުކުރުމެވެ. އެ މަޝްރޫޢު ހިންގުމާ ގުޅޭ ދިރާސާތައް ފުރިހަމަކޮށްފައިވީނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި އުޅެނިކޮށެވެ. އަންގާރަދުވަހު ޓުއަރިޒަމް މިނިސްޓްރީން ޢާންމުކުރި ވީޑިޔޯއެއްގައި އިހަވަންދިއްޕޮޅު ސަރަހައްދުގެ ރީތި މަންޒަރުތައް ދައްކައިލުމާއެކު، އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ހުރި ފުރުޞަތުތައް ފާހަގަކުރިއެވެ. އެގޮތުން ހަނިމާދޫއާއި ހޯރަފުށީ ވައިގެ ބަނދަރު ބިނާކޮށް ނިމުމުން ދަތުރުފަތުރަށް ލިބޭނެ ލުއި ފާހަަގަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ފުރުޞަތެއް އިއުލާނުކުރާނެ ކަމުގައި އެ ވީޑިޔޯގައި ބުނެފައިވެއެވެ. އިއުލާނުކުރަނީ ކޮން ކަހަލަ ފުރުޞަތެއްކަން އެ ވީޑިޔޯގައި ހާމަކޮށްފައިނުވެއެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ޤާއިމުކުރެވިދާނެ ކަމުގައި މި ސަރުކާރުންވެސް ބުނެފައިވެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އައިހޭވެން މަޝްރޫޢު އިއުލާނުކުރުމުން އެއިރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ ހިންގޭނެ މަޝްރޫޢެއް ނޫން ކަމުގައެވެ. އެއީ ފީސިބަލް މަޝްރޫޢެއް ނޫން ކަމުގައި އެއިރު ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ސަރުކާރުގެ އިސްވެރިން ވިދާޅުވަނީ އެ މަޝްރޫޢު ތަންފީޒުކުރަން ވިސްނަވާ ކަމުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ