ރައީސް ޔާމީން މައްސަލައިގައި އިމްރާން ދޮގު ހެއްދެވުން ހުއްޓާލާ!: ޔާމީންގެ އާއިލާ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ދޮގު ހަބަރު ފަތުރައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަސައްކަތް ކުރައްވަނީ މުޖުތަމައުގެ ހަމަޖެހުން ނަގައިލުމަށްކަމަށް ރައީސް ޔާމީނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީނަށް ވަކީލުންނާއި ބައްދަލުނުވެ އަސާސީ ހައްގުތަކުން މަހުރޫމު ވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނާއި، އާއިލާއާމެދު ދޮގު ވާހަކަތައް ފަތުރައި އެމަނިކުފާނަށް ދުއްތުރާ ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އިސްވެ ހުންނަވައި ހިންގާ ހުރިހާ ކަމެއް އާއިލާގެ ފަރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މިފަދަ ކަންކަމަކީ ދިވެހި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަ ނަގައިލުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެން ހިންގޭ ކަންތައްތަކެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދި މިއީ ރައީސް ޔާމީނުގެ އިންސާނީ ހައްގުތަކާއި އިސްލާމް ދީނުން ކަށަވަރުކޮށްދެއްވާފައިވާ އިންސާނީ ކަރާމާތް ނަގައިލުމަށް ހިންގާ މުޑުދާރު އަމަލެކެވެ.
- ރައީސް ޔާމީނުގެ އާއިލާގެ ބަޔާން
ދަރިކަލުން ޒޭން ސޮއިކޮށް މިއަދު ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ދައްކަވައި، ވަކީލުންގެ ހައްގާއި ބޭސްފަރުވާ ހޯދުމުގެ ހައްގު ފަދަ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަކީ ކުޅޭ ކުޅޭ ކުޅިވަރެއްގެ ގޮތުގައި ސިފަވާގޮތަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކި ފަހަރުމަތިން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި މިކަން އާއިލާއިން ސިފަކުރަނީ ދަށު ދަރަޖައިގެ މުޑުދާރު އަމަލުތަކެއްގެ ގޮތުގައިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް ޔާމީނާއިމެދު ކަން ކުރައްވާގޮތުން އެމަނިކުފާނަށާއި އާއިލާއަށްވެސް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާއި ހިތާމައާއި މޮޅިވެރިކަން ކުރިމަތިވެފައިވާކަމަށް ބަޔާނުގައި ބުނެއެވެ.
ދިވެހިރާއްޖެއަށް މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 5 އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއާމެދު މިފަދަ އިހާނެތި ގޮތަކަށް ކަން ކުރުމަކީ އެއްވެސް ގޮތަކުން ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެން
- ރައީސް ޔާމީންގެ އާއިލާ
މިއަދު ނެރުނު ބަޔާނުގައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުން ރައީސް ޔާމީން މަހުރޫމުކޮށްގެން އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓައިލުމަށާއި އެމަނިކުފާނަށް އެމަނިކުފާނުގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލައިފައެވެ. އަދި ރައީސް ޔާމީނާއިމެދު ދޮގު ބުހުތާނު ވާހަކަތައް ނުދެއްކުމަށާއި، އެމަނިކުފާނަށް އަނިޔާވެރި ނުވުމަށް ހޯމް މިނިސްޓަރު އިމްރާނަށްވެސް ވަނީ ބަޔާނުގައި ގޮވާލައިފައެވެ.
ރައީސް ޔާމީނާ ބައްދަލުކުރެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން އެންގުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން މާފުށްޓަށް ދިއުމުން ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދީ ވަކީލުން ފޮނުވާލާފައިވާ ކަމަށް ގާނޫނީ ޓީމުން އިއްޔެ ވަނީ ބުނެފައެވެ.
މަނީ ލޯންޑަރިންގެ ކުށުގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަކީލު ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދޮޅު މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ