މަހަކަށް ގެނައި މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހޭދަކުރި!

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން އެއް މަސް ދުވަހަށް ރާއްޖެ ގެނައި ބޭރުގެ މެޑިކަލް ޓީމަށް 7.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުރާސްފަތިދުވަހު ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހަރަދުތަކާ ގުޅިގެން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓްގައިވާ ގޮތުން އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ފަސް މީހަކު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ޑޮކްޓަރުންނާއި ނަރުހަކާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއްގެ އިތުރުން މެޑިކަލް ޓީމް ކޯޑިނޭޓަރެކެވެ.
ސެކިއޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) މެދުވެރިކޮށް މެޑިކަލް ޓީމު ގެނައީ އެއް މަހަށް ނަމަވެސް އެ މީހުން ރާއްޖޭގައި ދެ މަސް ދުވަސް ހޭދަކުރި އެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ގާތްގަނޑަކަށް 26 މިލިއަން ރުފިޔާ ހޭދަ ކުރި އިރު އޭގެ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ އެސްއެސްއީ ކުންފުންޏާ ހަވާލުކޮށްގެންނެވެ. ބައެއް މަސައްކަތްތައް ހަވާލުކުރުމުގައި އެ ކުންފުންޏަށް ގިނަ މަންފާތަކެއް ވާގޮތަށް އެގްރީމެންޓްތައް ހަދާފައިވާ ކަން އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.
އެ ޓީމުގައި ހިމެނޭ ކޮންމެ ޑޮކްޓަރެއްގެ އެއް މަހުގެ މުސާރައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ. ދެ ވަނަ މަހުގައި މީހަކަށް ނުވަ ލައްކަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ނަރުހުންނާއި ޕްރޮޖެކްޓް ކޯޑިނޭޓަރަށް ވެސް ނުވަ ލައްކަ ރުފިޔާ ހޭދަކޮށްފައިވާ ކަން އޮޑިޓުން ފެންނަން އޮތެވެ. މީގެ އިތުރުން ލީގަލް ފީ އައި ސްޓޭންޑައުން ޗާޖާއި ރިލޭޓަޑް ފީއަށާއި ޕްރީ-ޑިޕްލޮއިމަންޓް އެޑްމިނިސްޓްރޭޝަން ފީއަށް 230،000ރ. ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓުން އެދިފައިވާ ގޮތަށް މެޑިކަލް ޓީމް އެކުލަވާލާފައި ނުވުމާއި، އެ ޓީމާ ހަވާލުކުރީ ކޮން މަސައްކަތްތަކެއް ކަން ނޭނގުމާއި ކުރި މަސައްކަތްތަކުގެ ރެކޯޑު ވެސް ޓޫރިޒަމް މިނިސްޓްރީން ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ