އަދީބު މިނިވަންވުމުން ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ ސަބަބެއްނެތް

މިއަދު ކުރިމިނަލް ކޯޓުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ މައްސަލައިން ހާމަވެގެން ދިޔައީ ރައީސް ޔާމީން ޖަލުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއްނެތް ކަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިއަދު ކުރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްްއެމްޕީއާރުސީގެ މައްސަލައިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސަލާމަތްވެގެން ދިޔުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ޖަލުގައި ބެހެއްޓުމުގެ ސަބަބެއް ނެތް ކަމަށެވެ.
ރައީސް ޔާމީން އަށް ކޮށްފައިވާ ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ޖަލުން މިނިވަން ކުރުމަށް އެދި ސަރުކާރަށް ގޮވާލަމުން އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ޕީޖީ އާއި އަހުމަދު ރިޔާޒުގެ މައްސަލަ ތަހުގީގުކޮށް މިހާރުން މިހާރަށް އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އަދި ރައީސް ޔާމީންއަށް މިހާތަނަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް ނެގުމަށް މިހާރުގެ ޕީޖީގެ އަރިހުން އެދޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާވެސް ކޮށްފައި ވަނީ ސައްހަ ނޫން އެއްބަސްވުމެއްގެ ދަށުން ކަމަށްވާތީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ދައުވާތައް ބާތިލްކުރީ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ