ހިއުމަން ޓްރެފިކިންގެ މައްސަލައިގައި ރިޒާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތުގައި އުޅުނު އެތައް ބަޔަކަށް މުސާރަ ނުދީ، ހައެއްކަ މަސް ވަންދެން އެމީހުން ލައްވައި މަސައްކަތް ކުރި ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
އެނާ ފުލުސް އޮފީހަށް ހާޒިރު ކުރީ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކުގެ ތަހުގީގަށެވެ.
ފުލުހުން ވަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ރިޒާ ފުލުހަށް ހާޒިރުކުރިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ރިޒާ ފުލުހުންގެ ތަޙްޤީޤަށް މިރޭ ހާޒިރު ކުރިއިރު އޭނާގެ މައްޗަށް ބޮޑެތި އެތައް ތުހުމަތެއް ކުރެވެމުން ދާއިރު ވެސް އޭނާ ހައްޔަރު ނުކޮށް ހުރުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ފާޑުކިޔަމުންނެވެ.
ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވީ މިއަދުއެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.
އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ