ހިޔާ: ދިރިއުޅުމުގެ ހާލަތު ބަލަން ނުގުޅި ހުރި ފަރާތްތަކުގެ ނަން ހާމަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ދަށުން އަޅާ ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ، H8 އަދި H10 ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރަށް ނުގުޅުނު ފަރާތްތައް ކަމަށެވެ.
މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އަދި މުޅިން ނިމިފައި ނުވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައް ވެސް އާންމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި މިއީ ފްލެޓް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ފައިނަލް ލިސްޓުތައް ނޫން ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކޮށްފައިވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މިއަދު އާންމު ކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން އަންނަ ހަފްތާ އަންގާރަ ދުވަހުގެ ކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ