ލަންކާއަށް އިނގިރޭސިވިލާތުން އެތެރެކުރި އެތައް ޓަނެއްގެ ކުނި އަނބުރާ ފޮނުވާލައިފި

ސްރީލަންކާއަށް އިނގިރޭސިވިލާތުން އެތެރެކުރި އެތައް ޓަނެއްގެ ކުނި އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލައިފި އެވެ. ސްރީލަންކާ އިން ބުނީ އެގައުމަށ ޕްރައިވެޓް ކުންފުންޏަކުން އެތެރެރެކުރި 263 ކޮންޓޭނަރެއްގެ ތެރެއިން 21 ކޮންޓޭނަރަކުން ނުރައްކާތެރި ކުނި ފެނިފައިވާ ކަމަށެވެ. އެ ކޮންޓޭނަރުތައް މިދިޔަ ހޮނިހިރު ދުވަހު ވަނީ އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލައިފަ އެެވެ. އެ ކޮންޓޭނަރުތަކަކަކީ ކާޕެޓާއި ގޮދަނޑި ފަދަ ރިސައިލްކުރަން ބޭނުންކުރާ ތަކެތި ހުރި ކޮންޓޭނަރު ކަމުގައި ބެލެވުނަސް އޭގައި ޕޮލީތީންއާއި ޕްލާސްޓިކް ފަދަ ތަކެތި ހިމެނޭކަމަށް ލަންކާއިން ބުންޏެވެ. އެތަކެތި 2018 ވަނަ އަހަރު އެތެރެކުރި ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ލަންކާއިން ބުންޏެވެ. ލަންކާގެ ކަސްޓަމްސްގެ ތަރުޖަމާނު ސުނިލް ޖަޔަރަތުނަ ވިދާޅުވީ އެ ކުނިތައް ލަންކާއަށް އެތެރެކޮށްފައި ވަނީ އީޔޫގެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އިނގިރޭސިވިލާތުގެ އެންވަޔަރަމަންޓް އޭޖެންސީން ބުނީ އެހެން ގައުމުތަކަށް ގަވައިދާ ހިލާފަށް ކުނި ބޭރުކުރާ މައްސަލަ ބަލާނެ ކަމަަށެވެ. މެލޭޝިއާއަށް ގަވައިދާ ހިލާފަށް އެތެރެކުރި 42 ޝިޕިން ކޮންޓޭނަރެއްގެ ޕްލާސްޓިކް ހިމެނޭ ކުނި މިދިޔަ ޖެނުއަރީ މަހު ވަނީ އަނބުރާ އިނގިރޭސިވިލާތަށް ފޮނުވާލައިފަ އެވެ.-- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ