މުދާ އިމްޕޯޓު ކުރުމަށް ޗައިނާ ނުވަތަ އިންޑިއާ ފައިސާ ބޭނުން ކުރެވިދާނެ: ގަވަރުނަރު

ރާއްޖެއަށް މުދާ އިމްޕޯޓު ކުރުމުގައި ޑޮލަރުގެ ބަދަލުގައި ޗައިނާ އަދި އިންޑިއާގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ކޮވިޑް-19އާ ގުޅިގެން އިގްތިސޯދަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ޑޮލަރުގެ ޑިމާންޑު އިތުރުވެފައި އޮތް މިންވަރު ދަށްކުރުމަށް އެ އިދާރާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޑިމާންޑު ދަށްކުރުމަށް ރާއްޖޭގެ އިމްޕޯޓުގެ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓި ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، މިިއީ އެހެން ގައުމުތަކުގައިި ވެސް އަމަލު ކުރާ އުސޫލެއް ކަމަށާ ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަ ގައުމެއްގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފައެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ޑޮލަރު ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އަދިވެސް ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. މި ކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ އޮތޯރިތީން އެންމެ އިސްކަން ދެނީ ދައުލަތަށް ނުވަތަ ގައުމަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 2019 ވަނަ އަހަރު ދޫކުރި މިންވަރަށް ވުރެ ގިނައިން ޑޮލަރު ދޫކޮށްފައިވާ ކަަމަށާ މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ