މޫދުގައި މަަރުވެފައި އޮއްވާ ފެނުނު މީހާގެ ތަހުގީގަށް އާންމުންގެ އެހީއަށް އެދިއްޖެ

އައިޖީއެމްއެޗާ ދިމާލުން މޫދުން މަރުވެފައި އޮއްވާ ފެނުނު ދިވެހި މީހާ މަރުގެ މައްސަލައިގެ ތަހުގީގަށް އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ. އިއްޔެ ހެނދުނު ޒަހަމްތަކަކާއެކު މޫދުން ނެގި މީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުންކަން ކަށަވަރު ނުވާތީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައެވެ. މަރުވެފައި އޮއްވާ ފެނުނީ، ގދ. ވާދޫ އުމުރުން 31 އަހަރުގެ ސިދުރަތުﷲ އަހްމަދެވެ. ފުލުހުން މިރޭ ބުނީ، އެ މަރުގެ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތު ބޭނުންވާ ކަމަށެވެ. އެގޮތުން މިމަހު 22 ވަނަ ދުވަހު ހެނދުނު 9:00 އާއި 12:00އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަަރަކާތްތެރިވެފައިވާ ފަރާތްތަކާއި މަރުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ ފަރާތްތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ. "ވީމާ ދެންނެވުނު ގަޑީގައި ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިމަޖެންސީ ނަންމަބރު 119 ނުވަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑީޕާޓްމަންޓުގެ ނަންބަރު 9911099އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުން އެދެމެވެ،" ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ސިދުރަތުﷲ މަރާލަފައި ވަނީ ގަސްތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ