ކޯޓަށް ގޮސްގެން ޖޫރިމަނާގެ ފައިސާ ހޯދަން މީރާއަށް ބާރުދީ، ޓެކްސް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

މަދަނީ ދައުވާ ހުށަހަޅައިގެން ޓެކްސް ޖޫރިމަނާ ނެގުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލަކީ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ޝަހުސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފިޔަވައި އެހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ލިބޭ ގޮތް ހެދުމަށް ހުށަހެޅި ބިލެކެވެ.
އެ ބިލުގައިވާގޮތުން ޓެކްސް ދައްކަން ޖެހި ނުދައްކާ އޮތް މީހާގެ ނަމާއި އެޑްރެސް އަދި އޭނާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު އެނގޭ ލިޔުމެއް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއި ކުރެއްވުމުން އެއީ ދަރަނި ސާބިތު ކުރުމަށް ބޭނުންވާ ހެއްކެއްގެ ގޮތުގައި ގަބޫލުކުރަން ޖެހޭނެއެވެ. މިއީ ހުކުމް ކުރުމަށް ބާރު ލިބޭ ހެއްކެއް ކަމުގައި ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.
އޭގެ އިތުރުން ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަކުރުމަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކުހަށްނުވާ އާމްދަނީ ބަލައިގަތުމާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތައް ހިމެނެއެވެ. އަދި ރާއްޖޭގައި ވަޒަންވެރިވެފައިވާ މަލްޓިނޭޝަނަލް އެންޓިޓީތަކުން އެ އެންޓިޓީއެއް ނިސްބަތްވާ ގްރޫޕުގެ ވިޔަފާރި މުއާމަލާތްތަކާއި ހިންގުމާ ގުޅޭ މައުލޫމާތު ހިމަނައިގެން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓެއް މީރާއަށް ހުށަހެޅުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ބޭނުންކުރުމާއި، އެހެން ގައުމުތަކާއި ނުވަތަ ސަރަޙައްދުތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ބެނެފިޝަލް އޯނަރުގެ މައުލޫމާތު ނެގިދާނެ ހާލަތްތައް ގާނޫނާ އެއްގޮތަށް ހަދައި، ކަމާގުޅޭ އުސޫލުތަކާއި ގަވާއުދުގައި ކަނޑައަޅާގޮތަކަށް އެކަން ކުރުމުގެ ބާރު ވެސް މީރާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު، އެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އަދި އެ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ހަދައި، ގެޒެޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ