ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާ ކޮށްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިފި އެވެ.
ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގަ އެވެ. މިމަހުގެ 23 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލައިިގައި ބުނާ ގޮތުން ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައްވެސް ދިނެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ޖެނެރަލް ޝިޔާމް މަގާމުގައި ހުންނެވި އިރު ސިފައިންގެ ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލާގައި އޭނާއަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގައި ދައުވާ ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ޝިޔާމްގެ މައްސަލައިގައި އޭސީސީން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާ ކަމަށާއި، އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަމަށެވެ.
އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަމަށާއި، ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫންކަމަށެވެ.
އަދި އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިގު މުއްދަތަކަށް އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ، ދިރިއުޅެފައިވާތީއާއި، އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމް.އެން.ޑީ.އެފްގައި ކުރިން މަސައްކަތްކުރި ފަރާތެއް އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ދިރިއުޅެފައިވާކަމަށެވެ.
މީގެއިތުރުން، އަޙްމަދު ޝިޔާމްގެ ބައްޕަ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި ހުރެފައިވަނީ އަޙްމަދު ޝިޔާމް އަންގައިގެންކަމާއި، ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުން އަޙްމަދު ޝިޔާމްގެ ބައްޕަ ސިފައިންގެ މަރުކަޒެއްގައި ދިރިއުޅުން ހުއްދަކުރާ ޤާނޫނެއް، ޤަވާއިދެއް ނުވަތަ އުޞޫލެއް ނެތުމުން އޭނާ އެތަނުގައި ދިރިއުޅޭނެ ހައިޞިއްޔަތެއް ނެތްކަމަށެވެ.
އޭގެއިތުރުން، ސިފައިންގެ ޤާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެކަން އެނގޭކަމަށާއި، ނަމަވެސް، އަޙްމަދު ޝިޔާމްގެ އެންގުމުގެ މަތިން، ސިފައިންގެ އޮފިސަރެއް އަޙްމަދު ޝިޔާމްގެ ބައްޕަ ބެލެހެއްޓިކަން ތަޙުޤީޤަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މަޢުލޫމާތުން އެނގިފައިވާތީއާއި، އެމް.އާރު.ސީ.ސީގެ ވަސީލަތްތަކާއި ޚިދުމަތްތައް އަޙްމަދު ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
އޭސީސީން މީގެ ކުރިން މިމައްސަލަ ބަލައި ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް އަނެއްކާވެސް މި މައްސަލަ ބަލަން ނިންމީ ޕީޖީން އެންގުމާއި ގުޅިގެން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ