ތެލެސީމިޔާ މީހުންނާއި ކުދިންގެ އަޑު އެއްސެވުމަށް ރައީސް ނަޝީދު ތެލެސީމިޔާ ސެންޓަރަށް!

ތެލެސީމިޔާ މީހުންނާއި ކުދިންނަށް ދެމުންދާ ފަރުވާތަކާއި މެދު  އެފަރާތްތަކުން މީސް މީޑިޔާގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ދަނިކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތެލެސީމިޔާ ސެންޓަރަށް ވަޑައިގެންފިއެވެ.
އެގޮތުން މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ތެލެސީމިޔާ ސެންޓަރަށް ވަޑައިގެން، އެތަނުގައި ފަރުވާ ހޯދަމުންދިޔަ ފަރާތްތަކާއި ބައްދަލުކުރައްވާ ފަރުވާއާއި މެދު ހުރި ކަންބޮޑުވުންތައް ސާފުކުރައްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާވެސް ވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތެލެސީމިޔާ ސެންޓަރާއި މޯލްޑިވްސް ބްލަޑް ސާރވިސަސްގެ ފަރާތުން ދެމުންދާ ޚިދުމަތްތަކާއި މެދު، ތެލެސީމިޔާ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ދާދިފަހުން ފާޅުކޮށްފައެވެ.
އެގޮތުން ލޭއަޅާ ކުދިންގެ ހައްގުގައި އިސް ސަފުގައި ހަރަކާތްތެރިވާ ތެލެސީމިޔާ ފަރާތެއްކަމަށްވާ އަބްދުލް މުއިއްޒު ހަސަން ބުނީ ވަރަށް ގިނަ ލޭ ހަދިޔާކުރާ ފަރާތްތަކުން ގުޅާ، އެޕޮއިންޓްމެންޓްގެ މައްސަލައާއި މެދު ޝަކުވާކުރާ ކަމަށެވެ. މުއިއްޒު ބުނީ ސަރުކާރާއި އެޗްޕީއޭއިން ސިއްހީ ޚިދުމަތްތައް ފުޅާކުރަން ނިންމާފައިވާ ކަމަށާއި، ލޭ އެޅުން ބަރޯސާ ވެގެންވަނީ ލޭ ދޭނެ ފަރާތްތަކުގެ މައްޗަށް ކަމަށެވެ.
ނަމަވެސް އެމްބީއެސް ހުޅުވާ ވަގުތުތައް މަދުކަމުން ލޭ އަޅާ ފަރާތްތަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އޭނާ ބުންޏެވެ.
މުއިއްޒު އިތުރަށް ބުނީ ލޮކްޑައުނަށް ލުއި ލިބުނަސް، ލޭ އަޅާ ކުދިންނަށް ލިބޭ ޚިދުމަތަށް ފަސޭހަކަމެއް ނުލިބޭކަމަށެވެ. އަދި އެމްބީއެސްއިން ސަރުކާރުގެ އިރުޝާދުތަކަށް ތަބާނުވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުއުފައްދާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު އެމްބީއެސްގެ ޚިދުމަތް ދެމުންދަނީ އާދިއްތައިން ބުރާސްފައްޗަށް ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ހަވީރު 4 އަށެވެ. މީގެ ކުރިން ޚިދުމަތްތައް ދެމުން ގެންދިޔައީ ކޮންމެ ހަފްތާއެއްގެ ހުކުރު ފިޔަވައި ހުރިހާ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އަށެވެ. މި ވަގުތު މަދުކަމުގެ ސަބަބުން އެއްފަހަރާ ގިނަބަޔަކު ލޭ އަޅަން ބޭނުންވެއްޖެ ނަމަ އެކަން ނުވެދޭކަމަށް ލޭ އަޅާ ފަރާތްތަކުން ވޮއިސްއަށް މައުލޫމާތު ދިނެވެ.
އެގޮތުން އެތަނުގައި ހުންނަނީ 15-20 އެނދުކަމުން، ކޮންމެ ކުއްޖަކަށް ދެ ޔުނިޓުގެ ލޭ އަޅަން ހަ ގަޑިއިރު ހޭދަވާނެކަމަށް އެކުދިން ކިޔައިދިނެވެ. މީގެ އިތުރުން އެކުދިން ބުނީ މިހާރު ކަންތައްތައް އޮންނަގޮތުން ލޭދަށްވުމާއި ލޭ އެޅުމާއި ދެމެދު ހަފްތާއެއްހާ ދުވަސް ނަގާކަމަށާއި، ސަބަބަކީ އެޕޮއިންމެންޓްތައް ފުރިފައި އޮތުން ކަމަށެވެ.
އެކުދިން އިތުރަށް ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފުރަތަމަ ދުވަސްކޮޅު ބްލަޑް ކޭމްޕް ޖައްސައިގެން ލޭ ހޯދުނު ކަމަށެވެ. އެކަމަކު އެމްބީއެސްގެ ބްލަޑް ބޭންކަކީ ހަމައެކަނި ތެލެސީމިޔާ ކުދިން އެކަނި ބޭނުންކުރާ އެއްޗެއް ނޫންކަން އެކުދިން ފާހަގަކުރިއެވެ. އަދި މި މައްސަލައިގައި ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ބްލަޑް ސާރވިސަސް ފެއިލްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ