ޖިނާއީ ކަންކަމުގައި އެހީތެރިކަން ދިނުމަށް ރާއްޖެ އާއި އިންޑިއާ ދެމެދު ސޮއިކުރުމަށް ރައީސް ނިންމަވައިފި

ޖިނާއީ ކަންކަމުގައި އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އިންޑިއާއެކު ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސްގައި ސޮއި ކުރެއްވުމަށް ރައީސް ސޯލިހު ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މިއެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެގައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއް ގައުމުން އަނެއް ގައުމަށް ދިނުން ކަމަށެވެ.
މި އެއްބަސްވުމުގައިވާ ގޮތުން ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުއީ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދޭނެއެވެ. އަދި މިފަދަ މުއާހަދާތަކުގެ ދަށުން ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގުކުރުމަށް ދެގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުންދިނުމަށް ބާރުއަޅާނެއެވެ.
އަދި ޓެރަރިޒަމާއި ޓެރަރިޒަމްގެ ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެ، ތަހުގީގުކުރުމާއި ޝަރީއަތްކުރުން ހަރުދަނާކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މިޓްރީޓީގެ ވަރަށްބޮޑު ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.
މިއެއްބަސްވުމުގެ ދަށުން އެގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި އެއްބަސްވުމުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަހުގީގުކުރުމުގައާއި، ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެގޮތުން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއާއި 6 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ކަމަށް ބުނެފައި ވެއެވެ. އަދި ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ހަރަދެއް، އެއްބަސްވުމުގައި ކަނޑައެޅިގެން ބަޔާންކުރެވިގެންވާ ޚަރަދުތައް ފިޔަވައި، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ގައުމަކުން ކަމަށް ބުނެފައި ވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން މިހާރު އާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމަށާއި އަދި މައްސަލައާގުޅޭ ގޮތުން ހޯދަންޖެހޭ ހެކި ހޯދުމުގައާއި ތަހުގީގުކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތުވެސް މި އެއްބަސްވުމުގެ ދަށުން ފުޅާވެގެންދާނެއެވެ.
އަދި ތަހުގީގުކުރުމާއި މައްސަލަތައް ބެލުމުގައި ބޭނުންކުރާ އުސޫލުތައް ތަރައްގީކޮށް މިކަމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކުރާ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މިއެއްބަސްވުމުގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި މުއާހަދާގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަދި އިންޑިއާގެ އިތުރުން ސްރީލަންކާ، ޔޫ.އޭ.އީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދާކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ