ހުޅުމާލޭގައި ސިޓީ ކައުންސިލްގެ އޮފީހެއް ހުޅުވަނީ

މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ވަރަށް އަވަހަށް ހުޅުމާލޭގައި ގާއިމް ކުރާނެ ކަމަށް މާލެ ސިޓި ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރިފް ރާއްޖެ ޓީވީގެ ''100 ދުވަސް'' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އޮފީހެއް ވަރަށް އަވަހަށް ހުޅުމާލޭގައި ގާއިމް ކުރެވޭނެކަމަށާއި، މިކަން ކުރަން ވިސްނާފައި ވަނީ ސިޓީ ކައުންސިލްގެ ހިދުމަތްތަށް ފުޅާ ދާއިރާއެއްގައި ދިނުމަށްކަމަށެވެ. އަދި މިކަމުގެ ސަބަބުން ހުޅުމާލޭގެ މައްސަލަތަކަށް ހައްލު ހޯދަން މަސަކަތް ކުރެވޭނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އަދި މާލޭގެ ކުނި ނައްތާލުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ވެމްކޯ އާއި ސިޓީ ކައުންސިލްގެ މެދުގައި ހެދިފައިވާ އެގްރީމެންޓުގެ ދަށުން އެންމެ އެކަށީގެން ވާ ގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޕާކިން އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަމާއު ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި ވާހަކަ ދެކެވިގެން ބައެއް ސަރަހައްދު ތަކުގައި ޕާކު ކުރަން ޖާގަހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
މީގެ އިތުރުން މާލެ ފެހި ކުރުމުގެ މަސައްކަތުގެ ދަށުން މި އަހަރު މާލޭގައި ގަސް އިންދޭނެ ކަމަށާއި، ކުރިއަށް އޮތް ދެމަސް ތެރޭ 1000 ގަސް އިންދަން ހަމަޖެހިފައި ވާކަމަަށް ޝަމާއު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ