މަރީ ކޮންޑޯ އާއި އެކު ތާހިރު ދިރިއުޅުމަކަށް!

ނެޓްފްލިކްސްގައި މިހާރު އާއްމުންގެ މަގުބޫލުކަން ހޯދަމުން އަންނަ ޝޯ "ޓައިޑީން އަޕް ވިތް މަރީ ކޮންޑޯ" ބެލުމަށްފަހު ގިނަ މީހުން ސާފު ކުރުމަށާއި ތަރުތީބު ކުރުމާއި އެއްޗެހި މަދު ކުރުމުގެ ޓްރެންޑެއް ވަނީ ވައިގަހިފައިފަ އެވެ.
މި ޝޯގައި ދައްކަނީ ޖަޕާނު އަންހެނެއް ކަމުގައިވާ މަރީ ކޮންޑޯ 34، ގޭގެއަށް ގޮސް ބޭނުން ނުކުރާ އަންނައުނާއި ފޮތާއި އެހެނިހެން ސަމާނު މަދުކޮށް ސާފުކޮށް ތަރުތީބު ކުރުމުގައި އެހީތެރިވެދޭ ތަނެވެ.
މަރީ ކޮންޑޯގެ ފަލްސަފާއަކީ "ކޮންމަރީ މެތަޑެ"ވެ. މި ފަލްސަފާގައިވާ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސާފު ތާހިރު ކުރުމަށް ކޮމިޓުމަންޓެއް ދޭނީ އެވެ. އެއަށްފަހު އެންމެ ބޭނުންވާ ލައިފް ސްޓައިލެއް ވިސްނާ ބޭނުން ނުވާނެ ހުރިހާ އެއެޗެއް މަދު ކުރަންވީ އެވެ. ގޭތެރެެއިން އެއްޗެހި މަދު ކުރުމުގައި ވަކި ތަނެއްގައި ހުރި އެއްޗެކަށް ނުބަލާ ކެޓަގަރީން މަދުކުރާނީ އެވެ.
މިސާލަކަށް އަންނައުނާއި ފޮތާއި ހިފާގެންގުޅޭ ސާމާނެވެ. އަދި އެއަށްފަހު ވަކި ތަރުތީބަކުން އަލުން އެއްޗިސް އަތުރަނީ އެވެ. ވިސްނަންވީ އެމީހެއްގެ އަތުގައި ބަހައްޓާ ހުރިހާ އެއްޗަކީ އުފާވެރި އިހްސާސްތަކެއް ގެނެސްދޭ އެއްޗެހިތޯ އެވެ. އަތުގައިވާ ހުރިހާ އެއްޗެހިތަކެއް އެއްތަންކޮށް އެ އެއްޗަކުން އުފާ ވެރި އިހްސާސެއް ނުގެންނަ ނަމަ ބޭއްވުމުގެ މާނައެއް ނެތެވެ. އުފާވެރި އިހުސާސް ނުގެންނަ ހުރިހާ އެއްޗެއް ޑޮނޭޓް ކުރެވިދާނެ އެވެ. އަދި މަދުކުރުމަށްފަހު ތަރުތީބު ކުރެވިދާނެ އެވެ.
ތަކެތި މަދުކުރުމުގެ ކުރިން އެއިން ލިބުނު ހިދުމަތަށް ޝުކުރު އަދާ ކުރުމަށް ފަހު ދޫކޮށްލުން ވެސް ހިމެނެ އެވެ.
މަރީ ކޮންޑޯ ވަނީ އޯގަނައިޒިން އާއި ގުޅޭ ހަތަރު ފޮތެއް ލިޔެފަ އެވެ. އަދި މި ފޮތްތަކުގެ އެތައް މިލިއަން ކޮޕީ ވަނީ ވިކިފަ އެވެ. މި ޝޯ ބެލުމަށް ފަހު ގިނަ މީހުން ބުނަނީ އެމީހުން ގޭތެރެ ސާފު ކުރުމަށާއި ތަރުތީބު ކުރުމަށް ހިތްޖެހި އަދި ސާފު ކުރަން ވެސް ފަށައިފި ކަމަށެވެ. އޮސްޓްރޭލިއާގައި ވެސް މި ޝޯވަނީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފަ އެވެ.
މަރީ ކޮންޑޯއާއެކު ސާފު ކުރުމުށް އާ ހިއްވަރެއް ލިބި ގޭތެރެ ތަރުތީބުކުރުމުގެ އާ ޓްރެންޑެއް ވަނީ ފެށިފަ އެވެ. މި ޝޯ ބެލުމަށް ފަހު ގިނަ މީހުން ގޭތެރޭގައި ބޭނުން ނުކުރާ ތަކެތި މަދުކޮށް، ހުސްކޮށް ތަރުތީބުކޮށްފި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ