ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު- ގެނެވުނު ހެޔޮ ބަދަލެއް

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުން މިހާރު ކައުންސިލަރުންގެ މުސާރައިގެ ގޮތުގައި ދައުލަތުން ހޭދަކުރަމުން އަންނަ އަދަދުން މަހަކު 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.މިކަން ހާމަކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ގެންނެވި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށް  ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވެއެވެ. މިގޮތުން 3000 މީހުންނަށްވުރެ އާބާދީ ކުޑަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ކުރިޔަށް އޮތްތާނގައި އިންތިޚާބުކކުރައްވާނީ 3 މެމްބަރުންނެވެ. ތިންހާހަށްވުރެ އާބާދީ މަތިވެއްޖެނަމަ އެރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބްކުރައްވާނީ 5 މެމްބަރުންނެވެ.އަތޮޅު ކައުންސިލަށް އައި ބަދަލަށް ބަލާއިރު 2 އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާތައް  ހިމެނޭ އަތޮޅުތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބް ކުރެވޭނީ ކޮންމެ ދާއިރާއަކުން އެއްމެ މެމްބަރެކެވެ. އިދާރީ 2 ދާއިރާ ހަމަވާ ދާއިރާތަކުން މުޅި އަތޮޅު ހިމެނޭ ގޮތަށް އެ އަތޮޅެއްގެ ކައުންސިލަށް  އިންތިޚާބުކުރެވޭނީ 3 މެމްބަރުންނެވެ.މިދިޔަ އަހަރު ބޭއްވެވި ލޯކަލް ކައުންސިލްގެ އިންތިޚާބަށް ބަލާލާއިރު ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 1057 ކައުންސިލަރުން އިންތިޚާބްކުރައްވާފައިވެއެވެ. މި އެންމެންގެ މުސާރައަށް މަހެއްގެ މައްޗަށް ދައުލަތުން 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރައްވައެވެ.ލާމަރުކަޒީ ޤާނޫނަށް މި ގެނެވުނު ބަދަލާއިއެކު، ރަށު ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބި 925 ކައުންސިލަރުންގެ އަދަދު، 589 ކައުންސިލަރުންނަށް ތިރިވެގެންދާނެއެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ ދައުލަތުގެ މާލިއްޔާއިން ސަލާމަތްކުރެވޭ 3 މިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ.އަތޮޅު ކައުންސިލަރުންނަށް ގެންނެވި ބަދަލުން 732 ކައުންސިލަރުން 70އަށް ދަށްވެ، އެއްމިލިޔަން ދުއިސައްތަ ސާޅީސްހާސް ރުފިޔާ ސަލާމަތްކުރެވޭނެއެވެ.އަތޮޅު ކައުންސިލަރުންނާއި ރަށުކައުންސިލަރުންނަށް ހޭދަކުރަންޖެހޭ ފައިސާއިން މަހެއްގެ މައްޗަށް ޖުމްލަ 5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެއެވެ.ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށްވެސް ބައެއް ލުއިތައް ލިބިގެންދާނެކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެ ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވީ ދައުލަތުން ކައުންސިލްތަކަށް ކުރައްވާ ހޭދައަށް، ޤާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ.ލާމަރުކަޒީ ޤާނުނަށް ގެނެވުނު އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި އިޞްލާޙަށް ޢަމަލުކުރައްވަން ފަށްޓަވާނީ ކައުންސިލްތަކުގެ ދެން އަންނަ އިންތިޚާބެއްގައެވެ.ޤާނޫނަށް އައި ބަދަލާއިއެކު ދައުލަތުން ކުރައްވަންޖެހިވަޑައިގަންނަވާ ހޭދައަށް ބޮޑެތި ބަދަލްތަކެއް އައިއިރު ކައުންސިލަރުން އިންތިޚާބުކުރަންޖެހޭ ގޮތާއި މަޤާމާއި ޙަވާލުވާންޖެހޭ ވަގުތުވެސް ކަނޑައެޅިގެންގޮސްފައިވެއެވެ. މިގޮތުން ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިޚާބް ބާއްވަވަންޖެހެއެވެ. އަދި ދައުރު ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު އަލަށް އިންތިޚާބުވާ ކައުންސިލަރުން މަޤާމާ ޙަވާލުވެ ހުވާކުރަންޖެހެއެވެ.2014 ވަނަ އަހަރު އިންތިޚާބުކުރެއްވި ކައުންސިލަރުންގެ ދައުރު ހަމަވާނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ދެން އޮންނަ ލޯކަލް ކައުންސިލްގެ އިންތިޚާބް އަންނައަހަރު ޑިސެމްބަރުމަހު ބޭއްވެވުމަށް އެކޮމިޝަނުން މިހާރުވެސް މަސައްކަތް ފަށްޓަވާފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ