ހަރުކަށި މައިންގެ ދަރިން މާ ބޮޑަށްވެސް ކާމިޔާބު!

އަބަދު އަބަދު ދަރިފުޅު ގާތުކިޔަވަން ބުނަންވީތަ؟ ނޫނީ ތަށި ދޮންނަން ފޮނުވަންވީތަ؟ މިއަދު އެބުނާ ރައްޓެއްސެއްގެ ގެއަށް ހަމަ ފޮނުވަންވީތަ؟ މިއީ ކޮންމެ މަންމައެއްވެސް އަބަދުމެ އަބަދުމެ ވިސްނާނެ، އަދި ހިތާހިތާ ޒުވާބުކުރާނެ ކަންތައްތައްކަން ޔަގީނެވެ. ހަރުކަށިވުމަކީ ދަރިފުޅަށް އޮތް އެންމެ ރަނގަޅުގޮތްކަމުގައި މަންމައަށް ފެނުނުކަމުގައިވިއަސް، އޭގެ ސަބަބުން ދަރިފުޅު ރުޅިއައިސް ބޮޑާހާކާ، މަންމަ މަތިން ފޫހިވާގޮތް ދިމާވެއެވެ. ޚާއްސަކޮށް ނޫކަށިފުރައިގެ އަންހެން ކުދިންނެވެ. މިއީ މައިންނަށް ބަލަން މާފަސޭހަ މަންޒަރަކަށް ނުވާނެކަންވެސް ޔަގީނެވެ. އެހެންނަމަވެސް، މިފަދަ މަންމައިންނަށް ވަރަށް އުފާވެރި ޚަބަރެއް، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކުން ނެރެފިއެވެ.
ޔުނިވަރސިޓީ އޮފް އެސެކްސުން ކުރި ދިރާސާއަކުން ދައްކާގޮތުގައި މިގޮތަށް ހަރުކަށިވުމަކީ އަންހެންކުދިންގެ ކިޔެވުމަށް ބޮޑެތި އެދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މީގެ އިތުރުން، މިކަމަކީ އެކުދިން ބޮޑުވުމަށްފަހު ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ބުއްދިވެރި، ރަނގަޅު ފިޔަވަޅުތައް އަޅަން ދަސްވުމާއި، ގޯސް އަމަލުތަކުން ދުރުވުމަށް މަގުފަހި ކޮށްދޭ ކަމެއްކަމުގައިވެސް މިދިރާސާއިން ދައްކައެވެ.
މިދިރާސާގައި ބައިވެރިކޮށްފައިވަނީ 15500 ނޫކަށިފުރައިގެ އަންހެންކުދިންނެވެ. މިދިރާސާއިން ދައްކަނީ ހަރުކަށި މައިންގެ ދަރިންނަކީ ކޮންމެހެން މަައިންބަފައިން ބުނާ ހުރިހާ ބަހެއް އަހާ، ކިޔަމަންގަންނަ ކުދިންނެއްނޫންކަމުގައެވެ. އެހެންނަމެވެސް، އެހެންކުދިންނާއި ޚިލާފަށް އަމިއްލައަށް ކަމެއްނިންމަން ޖެހިއްޖެ ހާލަތެއްގައި މަންމަގެ ނަސޭހަތާއި މަންމަ ދައްކާ ވާހަކަތައް ހަނދާންކޮށް އެވާހަކަތަކާއިމެދު ވިސްނުމަށްފަހު ކަންކަން ނިންމާކަމަށް ފާހަގަކުރެވުނެވެ.
ހަރުކަށިމަންމައިންގެ ކުދިން، ކައިވެނިކުރުމަކާއި ނުލާ ބަލިވެއިންނަ ނިސްބަތް 4 އިންސައްތަ ދަށެވެ. އަދި، ރަނގަޅު ތައުލީމެއް ހޯދުމަށްޓަކައި ޔުނިވަރސިޓީއަށް ދިއުމަށާއި ރަނގަޅު މަތީ ވަޒީފާއެއްގައި މަސައްކަތްކުރުމަށް މިފަދަ ކުދިންގެ ޝައުގު ބޮޑުކަމަށްވެސް މިދިރާސާއިންވަނީ ފާހަގަކުރެވިފައެވެ.
އެހެންނަމަވެސް، މިދރާސާއަކީ ކުދިންގެ އިހްސާސްތަކަށާއި ބޭނުންތަަކަށް އެއްވެސް ވަރަކަށް ބެލުމެެއްނެތި, އިންތިހާއަށް ހަރުކަށިވުމަށް ދައްކާ އުޒުރަކަށް ހަދައިގެން ނުވާނެއެވެ. މިކަމުގައި ބަލަންވާނީ ދެފަރާތަށްވެސް އެންމެ ފައިދާހުރި މެދުމިނެއްގައި، ދަރިންނާމެދު ހަރުކަށިވުން ބެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ