ބޮމުގެ ޙަމަލާއެއް ދިންކަމުގެ ތުހުމަތު، ޚާލިދާ ޒިޔާގެ ދަރިކަލުންގެ މައްޗަށް އުފުލައިފި

ޑާކާ : ބަންގްލާދޭޝްގައި ވެރިކަންކުރާ ޢަވާމީ ލީގް ޕާޓީގެ އެއްވުމަކަށް ބޮމުގެ ޙަމަލާއެއް ދިނުމަށް ރޭވި ކަމުގެ ތުހުމަތު އެޤައުމުގެ ކުރީގެ ބޮޑުވަޒީރާ ބޭގަމް ޚާލިދާ ޟިޔާގެ ދޮށީ ދަރިކަލުން ތާރިޤް އައްރަޙްމާން މައްޗަށް ބަންގްލަދޭޝްގެ ފުލުހުންކޮށްފިއެވެ.
ފުލުހުންގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި އެ ޙަމަލާދީފައިވަނީ 2004 ވަނަ އަހަރު ޢަވާމީ ލީގް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ދުވަސްވަރުގައެވެ. އޭރު ވެރިކަމުގައި ހުންނެވީ ތާރިޤްގެ މަންމަ ބޭގަމް ޚާލިދާ ޟިޔާއެވެ. ތާރިޤް ފަހަތުގައި ހުންނަވައިގެން އެޙަމަލާދީފައިވަނީ ޢަވާމީ ލީގް ގެ ޒަޢީމާ އަދި އޭރުގެ އިދިކޮޅު ލީޑަރ ޝައިޚް ޙަސީނާ، އެޕާޓީގެ އެއްވުމެއްގައި ތަޤްރީރު ކުރައްވަމުން ގެންދަނިކޮށް ކަމަށާ އެޙަމަލާގައި 23 މީހަކު މަރުވެ 150 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލައިގެ ތަޙްޤީޤްތަކާއި ހެކިތަކާއެކު ޑާކާގެ ކޯޓަކަށް މިދިޔަ އާދީއްތަ ދުވަހު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް ތާރިޤްގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ފަރާތްތަކުން ލަފާކުރެއެވެ.
ތާރިޤް އައްރަޙްމާނާމެދު ބެލެވިފައިވަނީ އޭނާގެ މަންމަގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ މުސްތަޤްބަލްގެ ޒަޢީމު ކަމުގައެވެ. ބަންގްލަދޭޝް ނެޝަނަލް ޕާޓީއަކީ އެޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއެވެ. އެއީ ޝައިޚް ޙަސީނާގެ ޢަވާމީ ލީގް ޕާޓީ އާ އެއްވަރުގެ ބޮޑު ޕާޓީއެއްވެސްމެއެވެ.
ބަންގްލަދޭޝް ނެޝަނަލް ޕާޓީންވަނީ ފުލުހުންގެ މިތުހުމަތުތަކަށް އިންކާރުކޮށް މިއީ ޝައިޚް ޙަސީނާގެ ސަރުކާރާއި އޭނާގެ ޕާޓީ ކަމަށްވާ ޢަވާމީ ލީގް ފަހަތުގައި އޮވެގެން ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. ތާރިޤް މިހާރު އުޅުއްވަނީ ސިއްޙީ ފަރުވާއަކަށްޓަކައި ލަންޑަން ގައެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ