މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވި މައްސަލައިގައި ފިޔަވަޅު އަޅައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މައްސަލާގައި އެމަނިކުފާނަށް ފިޔަވަޅު އަޅައިފިއެވެ.
މިމައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ އެފަދަކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތް ދިނުންކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.
މިދިޔަ ހުކުރުދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅުގައި ހުންނަވައިގެން ކުޑަދޮރުން މުޒާހަރާގެ ބައިވެރިންނާ ސަލާމްކުރައްވާފައެވެ. އެމަނިކުފާނު ވަނީ ގައުމީ ދިދައަކާއި ޕީޕީއެމްގެ ދިދަ ވިހުރުވާފައެވެ.
މިމައްސަލާގައި ކަރެކްޝަނުން ބުނެފައިވަނީ، ހުކުރުދުވަހު ރައީސް ޔާމީން ޢަމަލުކުރެއްވީ ގޭބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މިމައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.
ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް ޔާމީނަށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން ނަސޭހަތްތެރި ވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައިވަނީ ރާއްޖޭގެ ޖަލުތަކުގައި ކޮވިޑް-19 ގެ ނުރައްކާ އިތުރުވުމާ ގުޅިގެން، ހައިރިސްކު ގައިދީން ގޭބަންދަށް ބަދަލުކުރި އުސޫލުގެ ތެރެއިންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން 5 އަހަރަށް ޖަލަށްލައި ޖޫރިމަނާކުރީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއްމިލިއަން ޑޮލަރު ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވުމުންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ދަށު ކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތްތައް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ