ހެކި ނެތުމުން ދާންދޫ ކައުންސިލް ރައީސަށް ދައުވާ ނުކުރަން ނިންމައިފި

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާކުރަން މައްސަލަ ނުފޮނުވުމަށް ފުލުހުން ނިންމައިފި އެވެ.މި މައްސަލައާ ގުޅިގެން ފުލުހުން އޭނާ އަށް ފޮނުވި، މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައި ބުނެފައިވަނީ އާސިފްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.މިމައްސަލައިގައި އާސިފްގެ ވަކީލެއްގެ ގޮތުން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ހަރަކާތްތެރިވިއިރު، މުހުތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރެވުނީ އަސާސެއްނެތް ތުހުމަތެއް ކަމުގައި އޭރުވެސް އާސިފް ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ މިގޮތަށް ކަންކަންކުރުން ބަލައިގަންނަން ދަތި ކަމަށެވެ. "ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކަށް މިފަދަ ދޮގު ތުހުމަތުތަކެއް ކުރުމުން، އެ ބޭފުޅާ އަށް މީހުން ކުރާ އިތުބާރު ގެއްލި، އަބުރަށް ވެސް ހުތުރުވޭ. އެހެންވެ، މިއީ ކޮށްގެން ވާނެ ކަންކަމެއް ނޫން،" މުހުތާޒު ވިދާޅުވި އެވެ.އާސިފަށް ތުހުމަތުކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ދުވަހުގެ ރޭ އޭނާގެ ފޯން އަތުލާފަ އެވެ.ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ އާސިފްގެ އާއިލީ މީހެއްގެ ގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ