ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ފިޔަވަޅުއެޅުމަށް އެޗްޕީއޭއިން މަޝްވަރާ ކުރަނީ

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ފިޔަވަޅުއެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަޝްވަރާ ކުރަންފަށައިފިއެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާނަމަ ރާއްޖޭގައި ދަތުރު ފަތުރުކުރުމަށް ހާއްސަ އުސޫލެއްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށްވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކުރަމުންދާކަމަށް "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ދެ ޑޯޒް ހަމަނުކުރާ މީހުންނަށް އެކުލަވާލި އުސޫލުގައި ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ފްލައިޓްތަކުގައި ދަތުރު ނުކުރެވޭނެ ކަމަށާއި އެފަދަ މީހުން ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ޕީސީއާރް ޓެސްޓް ހަދަން ޖެހޭކަމަށް ވެއެވެ.
އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހިދުމަތް ހޯދުމަށް ވެސް ވެކްސިން ފުރިހަމަ ކުރުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށަފައެވެ. މީގެ އިތުރުން ވެސް ތަފާތު ހަރުކަށި ފިޔަވަޅުތަކެއް ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަޅާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ބޫސްޓާ ޑޯޒް ޖެހީ 2،601 މީހެކެވެ. އަދި ޖުމްލަ ރާއްޖެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދަކީ 49،142 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ