އެމްއެންޕީގައި ހަ ނައިބުން ތިބޭނެ، އެއް ގޮނޑި އަންހެނުންނަށް ހާއްސަ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ ބާއްވަން ތައްޔާރުވަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ސްޕޯކްސްޕާސަން އަސްރާ އަހުމަދު ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަނުގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި ހުއްދަ ލިބޭތާ ދެ ހަފުތާ ތެރޭގައި ޖަލްސާ ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޖަލްސާގައި އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް މަގާމުތަކަށް މީހުން އިންތިހާބު ކުރާނެ އެވެ. އެގޮތުން ރައީސްގެ މަގާމާއި ނައިބު ރައީސުންގެ މަގާމަށް ހަ މީހަކު އިންތިހާބު ކުރަން ނިންމާފައިވާ އިރު، އަންހެނުންގެ ވިންގާއި އެ ވިންގުގެ ލީޑަރާއި ޒުވާނުންގެ ވިންގު އަދި އެވިންގުގެ ލީޑަރުގެ އިތުރުން ކައުންސިލް މެންބަރުންގެ ގޮތުގައި 12 މެންބަރުން ހޮވަން ވަނީ ނިންމައިފަ އެވެ.
އެމްއެންޕީން ބުނީ، އިންތިހާބު ކުރާ ހަ ނައިބު ރައީސުން ރާއްޖޭގެ ފަސް ދާއިރާއަކަށް ބަހާލެވޭނެ ކަމަށެވެ. އެއީ މަތި އުތުރު، އުތުރު، މެދު، މެދު ދެކުނު، ދެކުނެވެ. އޭގެ އިތުރުން ނައިބު ރައީސްކަމުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޕީގެ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު އެ ޕާޓީ ރަޖިސްޓްރީ ކުރަން ވަނީ ހުށަހަޅައިފަ އެވެ. ރަޖިސްޓްރޭޝަނަށް ހުށަހެޅީ 5،000 އަށްވުރެ ގިނަ މީހުންގެ ފޯމާއެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ