އިއްޔެގެ ހަމަނުޖެހުންތައް ތަޙުޤީޤުކުރުމަށް ޕީޕީއެމްއިން ގޮވާލައިފި

އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަޚައްދު ތަކުގައި އިއްޔެ ހިންގި ޖަރީމާތައް ތަޙުޤީޤުކުރުމަށް ދަޢުލަތުގެ ކަމާއިބެހޭ އިދާރާތަކަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއިން ގޮވާލައިފިއެވެ.
ޕީޕީއެމްއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލިސް އިދާރާ ސަރަޙައްދުގެ އިތުރުން މާލޭގެ އެކި ކަންކޮޅުތަކުގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަމަނުޖެހުންތައް ތަޙުޤީޤުކުރެވެން ޖެހޭނެކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް އެކި ރޮނގު ރޮނގުން ކުރިއެރުން ހޯއްދަވަމުން ދާއިރު އިދިކޮޅު ފަރާތް ތަކުން މިފަދަ މަސައްކަތް ކުރުމަކީ ސަރުކާރަށް ހުރަސް އަޅަންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖިލީހުގެ ކަރާމާތަށް އަރައިގެންފައި ވާކަމަށާއި، މަޖިލީސް ތެރެއަށް އިދިކޮޅު މެންބަރުންނާއި އާއްމުން ވަދެފައި ވަނީ، މަޖިލީސް ބަލަހައްޓަން އެއްވެ ތިބި ސިފައިންނާއި ފުލުހުންނަށް އެއްވެސް އިހުތިރާމެއް، ބެލުމެއް ނެތި ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. އަދި މަޖިލީހުގެ ފާރުމަތިންނާއި، ގޭޓް މަތިން މަޖިލީސް ކުރާ ގެއަށް ވަދެ، އެތަނުގައި ތަކެއްޗަށް ގެއްލުންދެމުން ދިޔަކަމަށާއި އެފަދަ ކަންތައް ނުކުރުމަށް ސަލާމަތީ ބާރުތަކުން އެންގި ނަމަވެސް ކިޔަމަންވެފައިނުވާކަމަށް ޕީޕީއެމްގެ އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާއި ކަރާމާތު އެކުލެވޭ ދައުލަތުގެ އެއް މުއައްސަސާއަކަށް ވީހިނދު، ރައްޔިތުންގެ މަޖިލީސް ހިސޯރުކުރުމަށް ވަތް ފަރާތްތަކުގެ ވަކިތަކުން، އެތަން ސަލާމަތް ކުރުމަށް، ސަލާމަތީ ހިދުމަތްތަކުން ދައްކާފައި ވަނީ ލާމަސީލު ނަމޫނާއެއްކަން ފާހަގަކޮށް ޕީޕީއެމްއިން ވަނީ ސިފައިންނާއި، ފުލުހުންގެ ގާނޫނީ ވާޖީބަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ