ކޮވިޑް ނެތް ރަށްރަށުގައި ކުޅިވަރުތައް ކުޅެން ހުއްދަ ދީފި

ކޮވިޑް ނެތް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފައިިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނާތީ އެކަމާ ގުޅޭގޮތުން އެޗްޕީއޭ އާއި ޓެގް ޓީމާއެކު މަޝްވަރާކޮށްފައިިވާ ކަމަށެވެ.
އެގޮތުން ނިންމާފައިވާ ނިންމުމަކީ ރަށު ކައުންސިލްތަކުން އެރަށެއްގައި ކުޅިވަރު ކުޅުން މަނާކުރި އުސޫލުގެ ދަށުން، ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމެވެ. ނަމަވެސް ގިނަ ބަޔަކު އެއްވެގެން ކުޅިވަރު ކުޅުން ފަދަ، ގިނަ ބަޔަކު އެއްވެގެން ހިންގާ އެއްވެސް ހަރަކާތަކަށް ހިތްވަރު ނުދޭ ކަމަށާއި ގައިދުރުކަމަށް އިސްކަންދޭން ހިތްވަރުދޭ ކަމަށް ޓެގް ޓީމުންނާއި އެޗްޕީއޭ އިން ފާހަގަކޮށްފައިވާ ކަަމަށް ބަޔާނުގައިވެއެވެ.
ޝައްކު ކުރެވޭ މީހަކު ފެނި މޮނިޓަރިންގެ ހާލަތަށް ގެނެސް މިހާރު މޮނިޓަރިންގެ ހާލަތުން ނެގިފައިވާތާ 14 ދުވަސް ވެފައިވާ ރަށްތަކުގައިި ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް ކުޅިވަރު ކުޅޭ ތަންތަން އަލުން ބަންދުކުރަން ޖެހިދާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖެ ނިއު ނޯމަލްގައި ހުޅުވާލަން މަސައްކަތް ކުރަމުންދާއިރު، މިއަދު ވަނީ މަޖިލީހުގެ ޖަލްސާތަށްވެސް ފަށާފައެވެ. އަދި ރަށްތަކުގައި އަޅާފައިިވާ ފިޔަވަޅުތަކަށް ލުއިދީ، ބަލި ނެތް ރަށްތަކުގައި މިސްކިތުގައި ޖަމާއަތް ހެދުމަށް ވެސް މިހާރު ވަނީ ހުއްދަ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ