އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ނުބަލަން ނިންމައިފި

މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ މިއަދުގެ ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މައްސަލަތައް ނުބަލަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް، އެ މައްސަލާގައި ހަރަކާތްތެރިވާ ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އިރުޝާދު ދީފައިވާކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ސީނީއަރ ޕަބްލިކް ޕްރޮސެކިއުޓަރ އަކު "ދިޔަރެސް" އަށް މައުލޫމާތު ދީފިއެވެ.މީގެ ކުރިން އެ މައްސަލައާއި ގުޅޭގޮތުން ފުލުހުންނާއި، އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި މިހާރުގެ ސަރުކާރުގެ 7 ބޭފުޅަކަށް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ކުރީގެ މަޖިލީހަށް ނިސްބަތްވާ 44 މެމްބަރަކަށްވެސް ފައިސާ ލިބިފައިވާ ކަމަށާއި މުޅިއެކު 267 މީހަކަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ހާމަކޮށްފައިވެއެވެ.މިހާރުގެ ސަރުކާރުގެ ފަރާތްތަކަށާއި މިވަގުތު މަޖިލީހުގައި ތިއްބެވި ބައެއް އެމްޑީޕީ މެމްބަރުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވީނަމަވެސް، އެ މައްސަލަތައް މަޑުޖައްސާލަން ޕީޖީ ޝަމީމު އަންގަވާފައިވާކަމަށް ޕީޖީ އޮފީހުގެ ސީނިއާރ ޕަބްލިކް ޕްރޮސެކިއުޓަރ ވިދާޅުވެފައިވެއެވެ. "ދައުވާކުރެވޭ ވަރުގެ ހެކި އެބަހުރި އިނގޭތޯ. ހަމަ ވަރަށް ސޮލިޑް ކޭސްތައް. ނަމަވެސް ޕީޖީ ވިދާޅުވީ އެ ކޭސްތައް ބަހައްޓަން. ފައިސާގެ ބޮޑެތި އަދަދުތައް ލިބުނު ބޭފުޅުންގެ ވާހަކަ މިދައްކަނީ އިނގޭތޯ" އެ ބޭފުޅާ ވިދާޅުވިއެވެ. ފައިސާ ލިބުނު އެއްވެސް ފަރާތެއްގެ ނަން އަދި ހާމަކޮށްފައި ނުވާއިރު މީގެ ކުރިން އެންޓިކޮރަޕްޝަން ކޮމިޝަނުން އާންމު ކުރި ރިޕޯޓުގައި 177 މީހެއްގެ ނަން އޮތެވެ. އެ ރިޕޯޓުގައި އޭސީސީ އިން ހިމަނާފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ފައިސާ ލިބުނު ފަރާތްތަކުގެ ނަންތަކެވެ. އޭގެ ތެރޭގައިވެސް ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތްތަކާއި، ކެބިނެޓު މިނިސްޓަރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭގެއިން އެއްވެސް ފަރާތަކަށް މިހާތަނަށް ދައުވާކޮށްފައިނުވެއެވެ.އެ މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ. އެ މައްސަލާގައި ކުރީގެ އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ދެކޮޅަށް ކުރީ ސަރުކާރުގައި ދައުވާ ކުރި ނަމަވެސް މި ސަރުކާރު އައިފަހުން އެ ދެބޭފުޅުންގެ މައްޗަށްވެސް އިތުރު ދައުވާއެއް ނުކުރެއެވެ.އެމްއެމްޕީއާރުސީ މައްސަލާއި ގުޅޭގޮތުން ރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމު ވިދާޅުވީ އެމްއެމްޕީއާރްސީ އާ ގުޅިގެން ތަފާތު އެކި ބޭފުޅުން އެކި ކަންކަމުގައި މުއާމަލާތް ކުރައްވާފައިވާ ކަމަށާއި އޭގެތެރޭގައި ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ދައުވާ ނުކުރައްވާނެކަމަށެެވެ. ނަމަވެސް ހެޔޮ ނިޔަތުގައި މުއާމަލާތް ކުރުމަކީ ކޮބައި ކަމެއް ޕީޖީ ވިދާޅުވެފައިނުވެއެވެ. އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެ މިހާރުގެ ސަރުކާރުގެ އިސްވެރިންނަށްވެސް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. މިގޮތުން ރައީސް އިބްްރާހިމް މުހައްމަދު ސޯލިހަށްވެސް ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މީގެ ކުރިން ވަނީ ހުށަހަޅާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ