ނަޝީދު ވިދާޅުވިނަމަ 7 ފެބުރުއަރީގައި އެ މަނިކުފާނާއެކު އިސްތިއުފާ ދޭނަން: ވަހީދު

ހަތެއް ފެބްރުއަކީ 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިފާ ދެއްވި އިރު، ނަޝީދު ވިދާޅުވި ނަމަ އެމަނިކުފާނާއެކު މަގާމުން އިސްތިއުފާ ދެއްވެވީސް ކަމަށް ރައީސް ނަޝީދުގެ ނާއިބަކަށް ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އޭރުގެ އިިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އައި ޕްރެޝަރާއެކު އޭރުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި، ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ، ފެބްރުއަރީ، 7، 2012 ގައެވެ. ނަޝީދާއި އެމްޑީޕީން ސިފަ ކުރައްވާ ގޮތުން އެއީ ބަޣާވާތެކެވެ.
އަވަސް ނޫހުގެ "ފަށަމާ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަކީ ރައީސް ނަޝީދުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވި އެ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު އެތައް ފަހަރަކު އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށް ބުނެ ބައެއް މީހުން، ހާއްސަކޮށް އެމްޑީޕީ މެމްބަރުން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ނަޝީދަށް ފާޑުވިދާޅުވެ ވަހީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނާ ނުބައްސަވާ ކަންކަން ކުރެއްވުމަށް ކަމަށާއި ފެބްރުއަރީ 7 ގައި ހިނގައިދިޔަ ކަންކަމަށް ފަހު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ނިންވުމަށް ފަހު އެކަން ހިއްސާ ކުރައްވާ އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވިނަމަ އެ މަނިކުފާނު ވެސް އެކުގައި އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް މިނިވަން ކޮމިޝަނަކުން ފުރިހަމައަސް ބަލާފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ އަދި އެމަނިކުފާނުގެ ވެސް އެއްވެސް ނުފޫޒެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރި ކޮމިޝަނެއް ކަމަށެވެ.
އެ މައްސަލަ ބެލުމަށް އޭރުގެ ޑރ. ވަހީދުގެ ސަރުކާރުން އެކުލަވާލި، ރިޔާސީ ކޮމިޝަންގެ ކޯނީ ރިޕޯޓުގައި ނިންމާފައިވަނީ އެއީ ބަޣާވާތެއް ނޫން ކަމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ރިޕޯޓު ބަލައި ނުގަންނަ ކަމަށް ބުނެފައެވެ.
ނަޝީދު އަދިވެސް އަންނަނީ ހަތެއް ފެބްރުއަރީގައި 2012 ގައި އެމަނިކުފާނުގެ ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ