ކޮމެޓު ބަލަން އެތައް ބަޔަކު އެއްވިއިރު ވައި ނުސާފު ކަމުން ފެންނަ ގޮތް ނުވި

މި ދުވަސްވަރު މެދު ރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކަށް އަނެއްކާވެސް ވައި ނުސާފުވެފައިވާތީ، ގްރީން ކޮމެޓު ބަލާލުމަށް މިރޭ އެއްވި މީހުންނަށް ކޮމެޓު ފެންނަ ގޮތެއް ނުވިއެވެ. ގްރީން ކޮމެޓަކީ ފަންސާސް ހާސް އަހަރުން އެއްފަހަރު ދުނިޔެ ކައިރިން ދަތުރުކުރާ ކޮމެޓެކެވެ. މި ކޮމެޓު ދެނެގަނެވިފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. ފެބްރުއަރީ އަށް ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ކޮމެޓް ފެންނަން ހުންނާނެއިރު، ސްޕޭސް ކެޓުން ވަނީ މާލެއާއި ހުޅުމާލޭގައި އުޅޭ މީހުންނަށް ކޮމެޓް ބަލައިލުމުގެ ފުރުސަތު އިންތިޒާމްކޮށްފައެވެ. އެގޮތުން މާލޭގައި މި ކޮމެޓު ބަލައިލަން ބޭނުންވާ މީހުންނަށް މިރޭ 20:00 އިން ފެށިގެން މަސްވެރިންގެ ޕާކުގައި ވަނީ ޓެލެސްކޯޕެއް ބަހައްޓާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮމެޓު ބަލާލުމަށް އެސަރަހައްދުގައި ކިއު ހަދާފައެވެ. ނަމަވެސް، ސްޕޭސް ކެޓުން މިރޭ "ސަން"އަށް ބުނީ ކޮމެޓު ފެންނަ ވަރަށް ވުރެ ވައި ނުސާފު ކަމަށާއި، އެހެން ކަމުން އެތަނަށް އެއްވެ ތިބި މީހުންނަށް ޓެލެސްކޯޕުން ހަނދު ބަލާލުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. ކޮމެޓު ނުފެންނާނެކަން އެނގުމުން ބައެއް މީހުން އެސަރަހައްދު ދޫކޮށް ދިޔަ ނަމަވެސް، ހަނދު ބަލާލުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިއުގައި މަޑުކޮށްފައެވެ. މަސްވެރިންގެ ޕާކުގައި ބަހައްޓާފައި ހުރި ޓެލެސްކޯޕުން ކުއްޖަކު ހަނދު ބަލާލަނީ / ސަން ފޮޓޯ: ނާއިލް ހަފީޒް މިރޭ މާލޭގައި ޓެލެސްކޯޕް ބަހައްޓާފައިވާއިރު، މާދަމާރޭ 20:00 ގައި ހުޅުމާލޭގައިވެސް ކޮމެޓު ބަލާލުމަށް ޓެލެސްކޯޕް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ޓެލެސްކޯޕު ބަހައްޓައިފައި ހުންނާނީ ދެވަނަ ފިޔަވަހީގައި ވޯލްޑް ކަޕްގެ މެޗުތައް އެޅުވި ހުސްބިން ސަރަހައްދުގައެވެ. ސްޕޭސްކެޓުން ބުނީ ކޮމެޓް ފެނޭތޯ މާދަމާ ރޭ އަނެއްކާ މަސައްކަތް ކުރާނެ ކަމަށެވެ. ޓެލެސްކޯޕުން ކޮމެޓު ބަލައިލުމަށް އެއްވެސް އަގެއް ނުނަގާނެއެވެ. ކޮމެޓު ބެލުމުގެ ކަންކަން ކުރިއަށްދާ ވަގުތު އެ ކަމާ ގުޅުންހުރި މައުލޫމާތު ކިޔައިދިނުމާއި ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން އިރުވައި މޫސުމުގައި ވައި ޖެހޭގޮތުން ރާއްޖޭގެ ވައި ނުސާފުވާން ދިމާވާ ކަމަށް މެޓު އޮފީހުން ބުނެއެވެ. ކުރިއަށް އޮތް ދެ ދުވަހު ވެސް ވައި ނުސާފުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވީނަމަވެސް، ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ ވިއްސާރަވުމުން ވައި ސާފުވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ